މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައަށް ތަދައްހުލުވުމަށް ރާއްޖެއިން ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޮހިންޏާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން އައިސީޖޭއަށް މައްސަލަ ހުށަހަޅާފައިވަނީ ދަ ގެމްބިއާއިން ކަމަށާއި އެ ގައުމުން އައިސީޖޭއަށް މައްސަލަ ހުށަހެޅީ 2019 ނޮވެމްބަރު 11 ގައި ކަމަށެވެ. އަދި މިހާރު ރާއްޖެއިން ވަނީ އެ މައްސަލައަށް ތަދައްހުލުވުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާފައި ކަމަށެވެ.

"އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ މިޔަންމާ) މައްސަލައަށް ތަދައްހުލުވުމަށް ހުށަހަޅަންޖެހޭ 'ޑެކްލެރޭޝަން އޮފް އިންޓާވެންޝަން/ ދިވެހިރާއްޖޭގެ އޭޖެންޓް އެޓާނީ ޖެނެރަލް އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ ފަރާތުން މިއަދު އައިސީޖޭއަށް ހުށަހަޅައިފި،" އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.

އައިސީޖޭއަށް ހުށަހަޅާފައިވާ އެ މައްސަލައަކީ 2016 ވަނަ އަހަރުން ފެށިގެން މިޔަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން އަދި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކާ ގުޅޭގޮތުން ހުށަހެޅި މައްސަލައެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ. ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގި އަމަލުތަކަކީ ޖެނޮސައިޑް ކޮންވެންޝަންއާ ހިލާފު އަމަލުތަކެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.

"މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ދިވެހިރާއްޖެއިން ވަނީ 2017 ވަނަ އަހަރު މިޔަންމާއާއެކު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ. އަދި މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ- ސްޕޮންސާކޮށް އ.ދ. ގެ ޖެނެރަލް އެސެމްބްލީއާއ،ި ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވެއެވެ..،" އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.

އައިސީޖޭއަށް، މިޔަންމާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލުވުމަށް ރާއްޖެއިން ނިންމީ ފޮރިން މިނިސްޓްރީގެ ފަރާތުން، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުން ކަމަށާއި ވަޒީރުންގެ މަޖިލީހުން އެ މައްސަލައަށް ތަދައްހުލުވުމަށް ނިންމީ 2020 ފެބްރުއަރީ 18 ގައި ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ. އަދި އެ އަހަރުގެ ފެބްރުއަރީގެ މަހުގެ 25 ވަނަ ދުވަހު ބޭއްވި އ.ދ ގެ ސެޝަނުގައި ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން އެ މައްސަލައަށް ތަދައްހުލުވުމަށް ނިންމާފައިވާކަން އިއުލާންކޮށްފައި ކަމަށެވެ.

ރާއްޖެއިން އެ މައްސަލައަށް ތަދައްހުލުވާން ނިންމީ އިތުރު ހަ ގައުމަކާ ގުޅިގެން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ. ރާއްޖޭގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރައްވާނީ އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗޭމްބާސްގެ ވަކީލު އަމާލް ކްލޫނީއާއ،ި އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ޕްރޮފެސާ ފިލީޕާ ވެބްއެވެ.