އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ކޮލިފިކޭޝަން ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް ޗައިނާގައި ނުކުޅެ، އެހެން ގައުމަކަށް ބަދަލުކުރަން އޭއެފްސީން ނިންމައިފިއެވެ.

ކޮވިޑް 19ގެ ހާލަތާ ގުޅިގެން ކޮލިފިކޭޝަން މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުޅެން އޮތީ ޗައިނާގައެވެ. އެ ގްރޫޕުގެ މެޗުތައް އިއްޔެ ފަށާފައިވެސް ވެއެވެ. ގުއާމްއާއި ޗައިނާ ވާދަކުރި މެޗު އިއްޔެ ޗައިނާގައި ކުޅުނު ނަމަވެސް، ޗައިނާ ސަރުކާރުން މިހާރު އެކުލަވާލާފައިވާ އުސޫލުތަކުގެ ދަށުން ރާއްޖެއާއި ސީރިއާއަށް އެގައުމަށް އެތެރެނުވެވޭނެއެވެ. އެއީ ރާއްޖެއާއި ސީރިއާގައިވެސް ކޮވިޑު ހާލަތު ގޯސްވެފައި އޮތުމުން އެ މިންގަނޑުތަކަށް ބަލައިފައެވެ.

ގްރޫޕްގެ ބާކީ މެޗުތައް ކުރިއަށް ގެންދާނެ ވަކި ގައުމެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް އޭއެފްސީން ވަނީ އެ މެޗުތައް ނިއުޓްރަލް ދަނޑަކަށް ބަދަލުކުރާނެ ކަމަށް އިއުލާން ކޮށްފައެވެ. އޭއެފްސީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައެއް ގައުމުތަކުގެ ގައުމީ ޓީމުތަކަށް ޗައިނާއަށް އެތެރެވެވޭނެ ގޮތެއް ނެތުމާއެކު ގްރޫޕުގައި ބާކީ ހުރި މެޗުތައް އެހެން ދަނޑަކަށް ބަދަލުކޮށް، އެކަން އިއުލާން ކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

އޭއެފްސީން ބުނެފައި ވަނީ މެޗުތަކުގެ ޝެޑިއުލަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެންނާނެ ނަމަވެސް މެޗުތައް އަންނަ މަހު 15ގެ ކުރިން ނިންމާނެ ކަމަށެވެ.

ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެޗުތައް އޮންނާނެ ކަމަށް ބެލެވެނީ ޑުބާއީގައެވެ. އެހެންކަމަށް ވާނަމަ ރާއްޖޭގެ ޓީމަށް ފަސޭހަތަކެއް ހުންނާނެއެވެ. ރާއްޖޭގެ ޓީމަށް މާލޭގައި ޕްރެކްޓިސް ކުރަން ދަނޑަށް ނުދެވުމާއެކު މިހާރު ކޭމްޕް ކޮށްފައި ތިބީ ޑުބާއީގައެވެ. މެޗުތަކަށް ލަސްކަމެއް އަންނަ ނަމަވެސް އިތުރަށް ޓީމަށް ފަރުތަކުރާނެ ވަގުތުވެސް ލިބިގެން ދިޔުމަކީ ކޯޗު މާޓިން ކޫޕްމަންއަށް ލިބޭނެ ހިތްހަމަ ޖެހުމަކަށް ވާނެއެވެ. ސަބަބަކީ ޓީމަށް ޕްރެކްޓިސް ކުރަން ލިބުނު ދުވަސްކޮޅު މަދުވުމެވެ.

ހޮޓެލް ޖެންގައި އަށް ދުވަސް ވަންދެން ކޭމްޕު ކޮށްގެން ތިބުމަށްފަހު ޓީމު ދުބާއީއަށް ދިޔައީ މިދިޔަ ހަފުތާގައެވެ. ގައުމީ ޓީމުން މާލޭގެ އެއްވެސް ދަނޑަކަށް ގޮސް ފަރިތަކުރުންތައް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައި ނުވުމާއެކު މާލޭގައި ތިބި އިރު ފަރިތަކުރުންތަކަށް ބޭނުން ކުރީ ހޮޓެލް ޖެންގެ ބޯލްރޫމެވެ.

ޑުބާއީއަށް ދިއުމުގެ ކުރިން ކޯޗު މާޓިން ކޫޕްމަން ކޮށްފައިވާ އިންސްޓަގުރާމް ޕޯސްޓެއްގައި ބުނެފައި ވަނީ އުނދަގޫ ހާލަތެއްގައި ޓީމު އޮތުމަށްފަހު އަލުން ދަނޑު މައްޗަށް ނުކުތުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ޓާގެޓަށް ވާސިލުވުމަށް ފޯކަސް ގެއްލުވާ ނުލައި މަސައްކަތް ކުރާނެ ކަމަށެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުންނަން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ.