ފޮތްކިޔުން މިއަދު ވެފައި މިވަނީ ވަރަށް މުސްކުޅި އާދަޔަކަށެވެ. ކޮލެޖާއި ސްކޫލްތަކުގައި ވެސް ފޮތްކިޔުމުގެ އާދަ މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޒުވާނުންނަށް ވެސް، އަޅުގަނޑުމެންގެ ކާބަފައިން ފޮތް ކިޔުއްވައި އުޅުއްވި ވަރާ ގާތަށްވެސް ފޮތް ކިޔައެއް ނޫޅެވެއެވެ. ތިރީގައި މިދަންނަވައިލަނީ ފޮތް ކިޔުމުގެ ފައިދާއާ ބެހޭގޮތުން ފަހުގެ ދިރާސާ ތަކުން ހޯދިފައިވާ ބައެއް ހޯދުން ތަކެވެ.

ގަބޫލުކުރަންދަތި ނަމަވެސް، ފޮތް ކިޔުމަކީ ބޭކާރު ފިކުރުތަކާއި ހިޔާލުތަކުން ދުރުކޮށްދޭ ކަމެއްކަން މިވަނީ ފަހުގެ ދިރާސާތަކުން ހާމަވެފައެވެ. ވަރަށް ގިނައިން އެކިއެކި ކަންކަމާ ތިމާ ފިކުރުބޮޑުވެ ކަންބޮޑުވާ ފަހަރު އާދެއެވެ. އަދި ބޭކާރު ހިޔާލުތަކާއި ވިސްނުންތަކުން ތިމާގެ ސިކުނޑި ފުރިގެން ބަންޑުންވާ ވަގުތުތައް އާދެއެވެ. މިފަދަ ވަގުތު ތަކުގައި ވާހަކަ ފޮތެއް ކިޔައިލުމަކީ އެކަމުގެ ސަބަބުން ސިކުނޑިއަށާއި ހިތަށް ހަމަޖެހުން ލިބިދޭ ކަމެކެވެ. ސަބަބަކީ އެކަމުގެ ސަބަބުން ތިމާޔަށް ހިޔާލީ ދުނިޔެއަކަށް ދެވި، ސިކުނޑީގައި ހުރި ފިކުރުތަކާއި ހިޔާލުތަކުން ދުރުކޮށްދޭތީއެވެ.

ރޭގަނޑުގެ ހަމަ ނިދި ނުލިބުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް ނިދަން ބޭނުން ވާ ގަޑީގައި ނުނިދިގެން އެނދުގައި ދެފަރާތަށް ފޮރޮޅި ފޮރޮޅި އޮންނަން ޖެހޭ ރޭރޭ އަންނަނީ މަދެއްކޮށެއް ނޫނެވެ.

ރޭގަނޑު ނިދަން އޮށޯވެ ފޯނު ނުވަތަ ލެޕްޓޮޕް ފަދަ އާލާތްތަކަށް ބެލުމުން، އެތަކެތީގެ ސްކްރީނުން ފޮނުވާ އަލިން ހޭލައި ހުރުމަށް ލޮލުން ސިކުނޑިއަަށް މެސެޖު ފޮނުވައެވެ. އެހެންކަމުން ނިދަން އުނދަގޫ ވެއެވެ. އޭގެ ބަދަލުގައި، ނިދަން އޮށޯވެ ފޮތެއް ކިޔައިލުމަކީ ވަރަށް ފަސޭހައިން ނިދި އަންނަ ކަމެއްކަން ދިރާސާތަކުން ވަނީ ހާމަ ވެފައެވެ. ފޮތް ކިޔުމުގެ ސަބަބުން ހަށިގަނޑު "ރިލެކްސް" ކޮށްލައެވެ. އަދި އަރާމު ކުރުމުގެ ވަގުތު ޖެހިއްޖެކަމަށް ލޮލުން ސިކުނޑިއަށް މެސެޖް ފޮނުވައިދެއެވެ.

ފޮތް ކިޔުމަކީ ތިމާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ. އާދަކޮށް ފޮތް ކިޔާނަމަ ތިމާގެ ހިޔާލު ތަނަވަސް ވެ، އުފެއްދުންތެރިކަން އިތުރު ހަރުފަތްތަކަކަށް ގެންގޮސް ދެއެވެ. ސަބަބަކީ ފޮތް ކިޔުމަކީ ތިމާގެ ހިޔާލު ތަނަވަސް ވެ މައުލޫމާތު މުއްސަނދިވާ ކަމަކަށް ވުމެވެ. އަދި ހާއްސަކޮށް ތަފާތު އަދީބުން، އެކި މައުލޫތަކަށް ލިޔެފައި ހުންނަ ފޮތްތަކާއި މަޖައްލާ އަދި ނޫސް ފަދަ ތަކެތި ކިޔުމަކީ ތިމާގެ އިލްމީ ޚަޒާނާ މުއްސަނދިވެ އެކަމުގެ ސަބަބުން ތިމާގެ އުފެއްދުންތެރިކަން އޭގެ އެންމެ އުހަށް އަރައިގެންދާކަމެކެވެ.

ފޮތް ކިޔުމަކީ އެކަމުގެ ސަބަބުން ތިމާގެ ބަސްކޮށާރު މުއްސަނދިވާނެ ކަމެއް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އައުބަސްތަކަށް ތިމާ އަހުލުވެރިވުކަމަކީ މީހުންނާ މުއާމަލާތްކުރުމުގައި ވަރަށް ބޮޑަށް ފަސޭހަ ވާ ކަމެކެވެ. ވާހަކަ ދައްކާއިރު އަބަދު އެއްބަހެއް ބޭނުން ނުކޮށް ތަފާތު ބަސްތައް ބޭނުން ކުރުމަކީ ދައްކާ ވާހަކައިގެ ފަށުވިކަމާއި ބަލާޣާތްތެރިކަން އިތުރުވެ އަޑުއަހާ މީހުންގެ ހިތަށް ފިނިކަން ލިއްބައިދޭ ކަމެކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ފޮތްކިޔުމަކީ ތިމާގެ ވިސްނުން ވަރަށް ބޮޑަށް ތަނަވަސްވާ ކަމެކެވެ. ފޮތްކިޔުމުގެ ސަބަބުން ތިމާޔަށް އިންތިހާޔަށް މައުލޫމާތު ލިބެއެވެ. އަދި ކޮންމެ މައުޟޫއަކަށްވެސް ވާހަކަ ދައްކައިލުމުގެ ގާބިލިއްޔަތުކަން ތިމާގެ ކިބައިގައި އަށަގަނެއެވެ. ތަފާތު ހާލަތްތަކުގައި ކަންތައް ކުރާނެ ގޮތުގެ ވިސްނުން ތިމާގެ ސިކުނޑީގައި ހަރުލައެވެ. އަދި އަވަހަށް ގޮތް ނިންމުމުގެ ކުޅަދާނަކަން ތިމާޔަށް ލިބިގެން ދެއެވެ.

******

ތަރުޖަމާ: އަހުމަދު މިސްބާހު މުނީރު