މެދުރާއްޖެ ތެރޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މެދުރާއްޖެ ތެރޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ގެއްލިގެން އެކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެރަށުގެ ރައްޔިތުން ނުކުމެ، އޭނާ ހޯދުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. ނަމަވެސް އެ ކުއްޖާ ފަހުން ފެނިފައިވަނީ ރަށު ތެރެއިންނެވެ.

އެރަށު ކައުންސިލުން ވެސް ވަނީ އިއްޔެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން އިއުލާން ކުރި ކަމަށް ބުނެފައެވެ. ނަމަވެސް އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކައުންސިލަށް ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށް ބުންޏެވެ.