ފުލުހުންނާއި ސިފައިން ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ދޫކޮށްލައިފިއެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަންގައި ފުރަތަމަ ހައްޔަރުކުރީ 7 މީހުންނެވެ. އޭގެ ފަހުން ދެ މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން މީގެ ކުރިން ބުނީ، ފަހުން ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބި އަށް މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މިމަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.