އޮންލައިންކޮށް ކިޔަވައިދޭން 1،000 ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް އިފްތިތާހުކޮށް، 200 ޓީޗަރުންނާއެކު ފުރަތަމަ ބެޗުގެ ތަމްރީނުތައް ފަށައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، ޓީޗަރުން ތަމްރީން ކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް 100 ސްކޫލަކުން 3،000 އަށްވުރެ ގިނަ ޓީޗަރުން ތަމްރީން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޔުނިސެފާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގޫގުލް ސެޓިފައިޑް ޓްރެއިނިން ޕްރޮގްރާމެއް 4،000 ޓީޗަރުންނަށް ހިންގިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޓީވީ މެދުވެރިކޮށް ޓެލި ކްލާސް ހިންގަން 500 ޓީޗަރަކު ތަމްރީން ކުރެވުނު އިރު، ޓެކްނިކަލް ޓްރެއިނިން 650 ޓީޗަރަކަށް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ އަބްދުﷲ ވިދާޅުވީ، ޔުނެސްކޯ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިއަހަރުވެސް 1،000 ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 27 ގައި 200 ޓީޗަރުންނާއެކު އެ ޕްރޮގްރާމް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި ޕްރޮގްރާމަށް ދެއްވާފައިވާ ނަމަކީ ޑިޖިޓަލް ޓީޗާ. މިމަހުގެ 27 ވަނަ ދުވަހު 200 ޓީޗަރުންނާއެކު ފުރަތަމަ ބުރު ވަނީ ފެށިފައި. ފަސް ހަފުތާއަށް މި ކުރިއަށް ގެންދަނީ،" ޑރ. އަބްދުﷲ ވިދާޅުވިއެވެ.
ކޮވިޑް 19ގެ ސަބަބުން މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 72 ރަށެއްގައި މިހާރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު