ކޮވިޑް 19ގެ ހާލަތު ނިމި އާންމު ހާލަތަކަށް ދަންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެދިވަޑައިގެންފިއެވެ.

ވަކީލުންގެ ޓީމުން އެގޮތަށް އެދިވަޑައިގެންނެވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވާތީއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އަޑުއެހުންތަކަކީ ދުރާލައި ތާވަލުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެއް ނަމަވެސް މި ދުވަސްވަރަކީ ކޮވިޑުގެ ހާލަތު ގޯސް ދުވަސްވަރަކަށް ވުމުން މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ސިއްހީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކޯޓަށް ހާޒިރުކުރުމަކީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

އެހެންކަމުން މި ހާލަތަށް ރިއާޔަތްކޮށް މާދަމާގެ އަޑުއެހުން ފަސްކޮށްދިނުމަށާއި ކޮވިޑް 19ގެ ބަލިމަޑުކަން ހަމައަކަށް އެޅި، އާންމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔަމީން، މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ކަރެކްޝަންސްއިން އޭރު ބުނީ އެމަނިކުފާނު ގެއަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ކަމަށެވެ.