ބ. ގޮއިދޫގެ ހުނަރުވެރި ހަސަން މާހިރު (ހަންޓޭ)ގެ ނަން މިހާރު އަލެއް ނުވާނެއެވެ. މޫދު ކުޅިވަރާއި ކައިޓް ސާފިންއަށް އޭނާ ވަރުގެ ދެވަނަ މީހަކު ނެތެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރީން، އުމުރުން އެންމެ 14 އަހަރުގައި ލަންކާގައި އޮތް "ރެޑްބުލް ހީރޯ ޓުއާ"އިން ހަންޓޭ ރާއްޖެއަށް ތައާރަފު ވެގެން އައި ހިސާބުން އޭނާއަކީ މިހާރު ބޮޑު ބްރޭންޑެކެވެ. ބޮޑެތި ކުންފުނިތަކުގެ ސްޕޮންސާތަކާއެކު ބައިނަލްއަގުވާމީ މައިދާނަށް ހަންޓޭގެ އަމާޒު މިހާރު ވަނީ ހިފާފައެވެ. ރަށު ބަންދުގެ ހާލަތާ ގުޅިގެން ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައްވެސް މަޑު ޖެހިލާފައި އޮތުމާއެކު ހަންޓޭގެ ހުނަރުވެރިން އަބަދުމެ ނުފެނުނު ނަމަވެސް މީސް މީޑިއާއަށް ދޫކޮށްލާ އެންމެ ވީޑިއޯއަކުންވެސް އެތައް ބަޔަކު "ކޮސްކޮށްލައެވެ."
އިއްޔެވެސް އެފަދަ ވީޑިއޯއެއް އޭނާ ވަނީ ދޫކޮށްލައިފައެވެ. ރަށެއްގެ ގަސްކަރަ މަތީން އުނދުހިލާފައި ރަށުގެ އަނެއް ފަރާތަށް، ހަންޓޭ ދާ މަންޒަރާއެކު މީސް މީޑިއާގެ "ކްރައުޑް" އާޝޯޚު ކޮށްލައިފިއެވެ. އޮލިމްޕިކް ކޮމިޓީގެ ރައީސް އަހުމަދު މަރުޒޫގް (މަރޭ) ހަންޓޭގެ އުދުހޭ ވީޑިއޯއާއެކު ޓުވީޓް ކޮށްފައިވަނީ "ހަންޓޭ މިއޮށް ރަށްތައް ހުރަސްކުރަނީ. ހުނަރުން ފުރިގެންވާ ޒުވާން އެތުލީޓެއް. ހަންޓޭ އުދުހޭ، އޭނާއަށް ވައިގެ ތެރޭގައި ހިނގާލެވޭ، އޭނާއަށް ވައިގެ ތެރޭގައި ނަށާވެސް ލެވޭ. ހައިރާންކޮށްލަނިވި އެތުލެޓީޓެއް،" މިގޮތަށެވެ.
ވީޑިއޯގެ ވާހަކަ ހަންޓޭ ވަނީ "ވަން" އާ ހިއްސާކޮށްފައެވެ. އޭނާ ބުނީ އެ ވީޑިއޯގައި "އުދުހިލާފައި" ދެވުނު ދުރުމިނުން އަމިއްލައަށްވެސް ހައިރާން ކަން ލިބުނު ކަމަށެވެ. ހުރަސް ކުރީ ރަށެއް ނޫން ނަމަވެސް ބޮޑު ގަސްތަކެއްގެ މަތީން ކަމަށް އުމުރުން 18 އަހަރުގެ ހަންޓޭ ބުންޏެވެ.
"ރަށެއް ނޫން އެ ހުރަސްކުރީ. އެކަމަކު އެއީ ކުޅިއެއްގެ ތެރެއަށް ޖަމްޕް ޖެހީ. ރަށުގެ ބޭރު ފަރާތުން ގަސްތަކެއް ހުރަސްކޮށް ކުޅި ތެރެއަށް ޖަމްޕު ޖެހީ. މައްޗަށް އެހާ ބޮޑަށް ނޭރިއަސް، ވަރަށް ދުރަށް ދެވިފަ އިނީ. ދުރުމިން ބަލާލިއިރު 53 މީޓަރަށް ދެވިފަ އޮތް. އެއީ ހީވެސް ނުކުރާ ވަރެއް އަސްލު. އެހާ ހިސާބަށް ދެވޭނެ ކަމަށް ހީވެސް ނުކުރަން. މައްޗަށް 10 ވަރަކަށް މީޓަރަށް އެރިޔަސް އެއީ ވަރަށް ދުރަށް އެދެވެނީ،" ހަންޓޭ ބުނެފައިވެއެވެ.
ގޮއިދޫގައި މޫދު ކުޅިވަރުގެ އެތައް ތަރިންނެއް އަދިވެސް އެބަތިއްބެވެ. ހަންޓޭވަނީ އިތުރު ތަރީން، ހުނަރުވެރިން އެރަށުން ފެންނާނެކަމުގެ ޔަގީންކަންވެސް ދީފައެވެ. ބައިނަލްއަގުވާމީ މުބާރާތަކަށް ރާއްޖެ ތަމްސީލު ކުރުމަށް އަދިވެސް ހަންޓޭ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. މޮރިޝަސްގައި 2019 ވަނަ އަހަރު އޮތް އައިއޯއައިޖީ ގޭމްސްއަށް ދާން ހަންޓޭއަށް ފުރުސަތު ލިބުނު ނަމަވެސް ކިޔަވުމުގެ ކަންތައް ހުރި ގޮތުން ދެވޭ ގޮތް ނުވީއެވެ.
" ގޮއިދޫގައި މިހާރުވެސް އެބައުޅޭ ވަރަށް މޮޅެތި ކައިޓް ސާފަރުން. އެ ހުނަރުވެރިން ފެންނާނެ އަދި. ޔަގީން. ބައިނަލްއަގުވާމީ މުބާރާތަކަށް ދާން އަދިވެސް ތައްޔާރަށް މިހުރީ. އަދި ކުރިއަށްދާނަން. 2019 ވަނަ އަހަރު އައިއޯއައިޖީއަށް ދާން ފުރުސަތު ލިބުނުއިރު އެއީ ގްރޭޑް 10ގެ ފައިނަލް އެގްޒާމް ދުވަސްވަރު. އެހެންވެ ނުދެވުނު. އެކަމަކު އަދި ރާއްޖެ ތަމްސީލުކުރާނަން،" ހަންޓޭ "ވަން" އަށް ބުންޏެވެ.
ސްކޫލް ނިމި ހަންޓޭގެ ފޯކަސް މިހާރު އެއްކޮށްކަހަލަ ގޮތަކަށް ހުރީ މޫދަށެވެ. މޫދު ކުޅިވަރަށެވެ. ކައިޓް ސާފިންއަށެވެ. އާދައިގެ މަތިން ހަންޓޭގެ ދިރިއުޅުން ބިނާވަނީ އެ ކުޅިވަރަށެވެ. ޝައުގުވެރިކަމާއެކު ދުވާލު ހަތަރުދަމުހެން ހަންޓޭ އެދަނީ ތަމްރީނު ވަމުންނެވެ. ހަންޓޭގެ ހުނަރު ބައިނަލްއަގުވާމީ މައިދާނުގައި ފަވާލަން އޭނާ ފައްކާ ވާނެއެވެ. ހުނަރުން ފުރިގެންވާ އެތުލީޓެކެވެ. ހައިރާން ކޮށްލާނެއެވެ.