މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި، ސައިކަލް ދުއްވަން އިން މީހާއާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ މީހާއާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ހުވަފެނީ ގޯޅީފައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް ވިދާޅުވީ އެކްސިޑެންޓުވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީއެވެ. އެކްސިޑެންޓު ހިނގި އިރު ޔަޒްދާން އިނީ ސައިކަލުގެ ފަހަތުގައެވެ. ސައިކަލް ދުއްވަން އިން މިހާ އެކްސިޑެންޓު ހިނގުމާއެކު ފިލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޔަޒްދާންގެ ކަރަށް ވަނީ ގާޑިޔާގެ މުއްގަނޑު ހެރިފައެވެ.
ދެ ސައިކަލެއް ވެއްޓިފައި އޮންނަ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. އަދި ސައިކަލުތައް ކައިރިން ޔަޒްދާން ކަރުގައި އަތް އަޅައިގެން މަޑުމަޑުން ހިނގާފައި ދާ މަންޒަރުވެސް ފެނެއެވެ. ހިނގާފައި ގޮސް ދެން ފެންނަނީ އޭނާ ކުއްލިއަކަށް ވެއްޓޭ ތަނެވެ. އަދި ކައިރީގައި ހުރި އެހެން މީހަކު، ޓީޝާޓު ބޭލުމަށްފަހު ޔަޒްދާންގެ ކަރުގައި އޮޅައި ލޭ މަނާކުރުމަށް މަސައްކަތް ކުރާތަންވެސް އެ ވީޑިއޯ އިން ފެނެއެވެ.
ސާޅީސް ފަސް ސިކުންތުގެ އެ ވީޑިއޯ އިން ފުލުހަކާއި ސިފައިންގެ މީހަކު އެ ސަރަހައްދަށް ދާތަންވެސް ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު