ތާރީޚު

ލަކްޝަދީބު ސަލާމަތްކުރޭ!

މުހައްމަދު ނާޖިހު

މިފަހުން ފަލަސްތީނު ސަލާމަތްކުރުމަށް ގޮވާލައި އިޖުތިމާއީ މީޑިއާގެ ތެރޭގައި ދައުރުވަމުން އައި #ސޭވްޕެލެސްޓައިން ހޭޝްޓެގަށް ފަހު މިހާރު އެންމެ އާއްމުވެގެން އުޅޭ އެއް ހޭޝްޓެގަކީ #ސޭވްލަކްޝަދްވީޕް އާދެ، ލަކްޝަދީބު ސަލާމަތްކުރުމަށް ގޮވާލައި އިޖުތިމާއީ މީޑިއާގައި ދައުރުވަމުން އަންނަ ހޭޝްޓެގެވެ. ދިވެހިރާއްޖެއާ ސަރަހައްދީ ރޮނގުން ގުޅޭ އިންޑިޔާގެ ހަމައެކަނި ސަރަހައްދަކީ ލަކްޝަދީބެވެ. އަދި ލަކްޝަދީބަކީ އެތަނުގެ ރަށްތަކުގެ ތެރޭގައި ހިމެނޭ މަލިކުގެ ސަބަބުން ދިވެހީންނާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްވެސް މެއެވެ. #ސޭވްލަކްޝަދްވީޕް އާއްމުވެގެން އުޅޭ ސަބަބުތަކާ ހަމައަށް ދިޔުމުގެ ކުރިން ލަކްޝަދީބަކީ ކޮބާއިތޯ ބަލައިލަމާ ހިނގާށެވެ.

ލަކްޝަދީބަކީ މޯލްޑިވް ރިޖް ނުވަތަ ލެކަޑިވް-ޗާގޯސް ރިޖްއޭ ކިޔުނު ކަނޑުއަޑީގެ ފަރުބަދަފަތީގައި އޮންނަ އަތޮޅުތަކުގެ ތެރެއިން އެންމެ އުތުރަށް ހުރި އަތޮޅުތަކަށް ކިޔާ ނަމެވެ. މިއީ ދިވެހިރާއްޖޭގެ އުތުރުން 70 މޭލުން ފެށިގެން އުތުރަށް 20000 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ އަތޮޅުތަކެކެވެ. ދިވެހިރާއްޖެއާ އެންމެ ކައިރީގައި އޮންނަ ލަކްޝަދީބުގެ އަތޮޅަކީ މަލިކެވެ. ލަކްޝަދީބުގައި މަލިކާއެކު ޖުމުލަ 12 އަތޮޅު އޮވެއެވެ. އޭގެ އިތުރުން ވަކިން އޮންނަ ތިން ފަރަކާއި ފަސް ތިލައެއް އޮވެއެވެ. ލަކްޝަދީބުގެ 12 އަތޮޅުގައި 39 ރަށް އޮންނަ އިރު، އޭގެ ތެރެއިން މީހުން ދިރިއުޅެނީ 10 ރަށުގައެވެ. ވެރިކަން ކުރާ ރަށަކީ ކަވަރައްތީއެވެ. އެއީ ދިވެހި ތާރީހުގައި ބުނާ ކަވަރައްދޫއެވެ. މުޅި ލަކްޝަދީބުގެ ބިމުގެ ބޮޑުމިނަކީ 32 އަކަކިލޯމީޓަރެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ބުނާ ގޮތުން ލަކްޝަދީބުގެ ޖުމުލަ އާބާދީއަކީ 64473 މީހުންނެވެ. މިއީ މީގެ 10 އަހަރު ކުރިން 2011 ގައި ނެގުނު ބޯހިމެނުގެ ހިސާބުން ދައްކާ އަދަދެވެ. މިހާރުގެ އާބާދީ އުޅޭނެ ކަމަށް ލަފާކުރެވެނީ 70000 ގެ ތެރޭގައެވެ. ލަކްޝަދީބުގެ މަލިކު ފިޔަވައި ދެން ހުރި ރަށްރަށަކީ ނަސްލީ ގޮތުންނާއި ބަހުގެ ގޮތުން ކެރަލާގެ މަލާބާރު ސަރަހައްދާ ގުޅިފައިވާ ރަށްރަށެވެ. ވާހަކަދައްކާ ބަހަކީ ހޮޅި ނުވަތަ މަލިޔާޅަމް ބަހުގެ ބަހުރުވައެއް ކަމަށްވާ ޖަސަރީއެވެ. ބަހުގެ ގޮތުންނާއި ނަސްލީ ގޮތުން މަލިކު ގުޅެނީ ދިވެހިރާއްޖެއާއެވެ. 1752 ގައި ދިވެހިރާއްޖެއިން ވަކިވެ ކަންނަންނޫރު އަލީރާޖާގެ އަތްދަށަށް މަލިކު ދިޔަފަހުން ސިޔާސީ ގޮތުން މަލިކު އޮތީ ރާއްޖެއާ ވަކިންނެވެ. އެހެންނަމަވެސް 1956 އާ ހަމައަށް މަލިކާ ރާއްޖެއާ ދޭތެރޭގައި ދަތުރުފަތުރުގެ ގުޅުން އޮތެވެ.

މުޅި ލަކްޝަދީބުގެ ދޭސީ އާބާދީއަކީ މުސްލިމުންނެވެ. ވަޒީފާ އަދާކުރާ އެހެން ދީންތަކުގެ މީހުން އުޅޭތީ މުސްލިމުންގެ އިންސައްތައަކީ 95 އެވެ. ލަކްޝަދީބުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެއަށް ފަހު ސަރުކާރުގެ އެކިއެކި ނޯކިރީތަކެވެ. ފަތުރުވެރިކަން ކޮންމެވެސް ވަރަކަށް އޮވެއެވެ. މަލިކު ގިނަ ފިރިހެނުން މަސައްކަތްކުރަނީ ކަނޑު ބޯޓުފަހަރުގައެވެ. މުޅި އިންޑިޔާގެ ވެސް ކުށްކުރާ ރޭޓު އެންމެ ދަށީ ލަކްޝަދީބުގައެވެ. އެހެންކަމުން އެތަނުގެ ޖަލުތައް ހުންނަނީ ހުސްކޮށެވެ.

ދެކުނު އިންޑިޔާގައި ރަސްކަންކުރި އެކި ރަސްރަސްކަލުންގެ ތެރެއިން ހާއްސަކޮށް ކަންނަންނޫރު އަލީރާޖާ ނުވަތަ އަރައްކަލްބީވީގެ އަތްދަށުގައި ގިނަ ޒަމާންތަކެއްވަންދެން އޮތުމަށްފަހު މަލިކާއި ލަކްޝަދީބުގެ ރަށްތައް އިނގިރޭސި އިންޑިޔާގެ ދަށަށް ގޮސް އިންޑިޔާ މިނިވަންވުމުން މިނިވަން އިންޑިޔާގެ ބަޔަކަށް އެރަށްތައް ވިއެވެ. މިގޮތުން މަލާބާރު ޑިސްޓްރިކްޓްގެ ބައެއްގެ ގޮތުގައި އޮތުމަށްފަހު 1 ނޮވެންބަރު 1956 ގައި ލަކްޝަދީބަކީ މުސްތަގިއްލު ޔޫނިއަން ޓެރިޓަރީ އަކަށް ބަދަލުކުރެވުނެވެ. އޭރުގެ ނަމަކީ ޔޫނިއަން ޓެރިޓަރީ އޮފް ލެކަޑިވް، މިނިކޯއި އެންޑް އަމިންދިވީ އައިލެންޑްސްއެވެ. މިތަނުން މިނިކޯއި އަކީ މަލިކެވެ. އެއީ އިނގިރޭސީންގެ ދުވަސްވަރުން ފެށިގެން އިންޑިޔާގެ ރަސްމީ އިދާރާތަކުން އެރަށަށް ކިޔާ ނަމެވެ. 1 ނޮވެންބަރު 1973 ގައި ލެކަޑިވް، މިނިކޯއި އެންޑް އަމިންދިވީ އައިލެންޑްސްގެ ނަން ލަކްޝަދްވީޕް އަށް ބަދަލުކުރެވުނެވެ. ލަކްޝަދްވީޕް އަށް މަލިކު މީހުން ކިޔާނަމާކީ ލަކްޝަދީބެވެ. އެގޮތުން ދިވެހި ބަހުން ލިޔާއިރު އެނަން ބޭނުންކުރީއެވެ.

އިންޑިޔާގެ ސްޓޭޓްތަކާ ހިލާފަށް ޔޫނިއަން ޓެރިޓަރީތަކަކީ ގާނޫނުހަދާ އަމިއްލަ މަޖިލީހަކާއި ސަރަހައްދީ އަމިއްލަ ސަރުކާރެއް ލިބިގެންވާ ތަންތަނެއް ނޫނެވެ. ޔޫނިއަން ޓެރިޓަރީތަކީ ސީދާ މަރުކަޒީ ސަރުކާރުގެ ދަށުން ހިންގާ ތަންތަނެވެ. އެހެންނަމަވެސް އިންޑިޔާގެ އަށް ޔޫނިއަން ޓެރިޓަރީގެ ތެރެއިން ތިން ޔޫނިއަން ޓެރިޓަރީއެއް ހިންގާ ގޮތަށް ފަހުން ވަނީ ބަދަލު ގެނެވިފައެވެ. އެއީ ދިއްލީއާއި، ކަޝްމީރާއި ޕޮންޑިޗެރީއެވެ. މި ތިންތަން ހިންގަނީ ގާނޫނު ހަދާ މަޖިލީހަކާއި ވަޒީރުންގެ މަޖިލީހެއް ހިމެނޭ ގޮތަށް ސްޓޭޓަކަށް ލިބިގެންވާ ބައެއް ބާރުތައް ދީގެންނެވެ. އަނެއް ފަސް ތަން ހިނގަނީ މިފަދަ ބާރުތަކެއް ނެތި އިންޑިޔާގެ ރައީސް އައްޔަނުކުރާ އެޑްމިނިސްޓްރޭޓަރަކު ނުވަތަ ލެފްޓިނެޓް ގަވަރުނަރަކެވެ. އެއީ ވަރަށް ގިނަ ބާރުތައް ލިބިގެންވާ މަގާމެކެވެ. މިގޮތުން ލަކްޝަދީބުގައި ހުންނަ ވެރިޔަކީ އެޑްމިނިސްޓްރޭޓަރެކެވެ.

ލަކްޝަދީބުގެ ވެރިކަންކުރާ އެންމެ އިސް ފަރާތަކީ އެޑްމިނިސްޓްރޭޓަރު ކަމުގައި ވިޔަސް އެތަނުގައިވެސް ރައްޔިތުން ވޯޓުލައިގެން ހޮވައިނަގާ މަގާމުތަކެއްވެސް އޮވެއެވެ. އެއީ މުޅި ލަކްޝަދީބުން އިންޑިޔާގެ ބަރުލަމާނުގެ ތިރިގެ ކަމަށްވާ ލޮކް ސަބާއަށް ހޮވާ މެންބަރާއި ކޮންމެ ރަށެއްގައި އޮންނަ ރަށު ކައުންސިލް ނުވަތަ ވިލެޖް (ދީބު) ޕަންޗާޔަތަށް ހޮވާ މެންބަރުންނާއި މުޅި ލަކްޝަދީބަށް އޮންނަ ކައުންސިލް ކަމަށްވާ ޑިސްޓްރިކްޓް ޕަންޗާޔަތަށް ހޮވާ މެންބަރުންނެވެ. ރަށްރަށުގެ ރަށު ކައުންސިލްތަކުގެ މަތިން ކޮންމެ ރަށެއްގައި ވެސް އެޑްމިނިސްޓްރޭޓަރުގެ ފަރާތުން ހުންނަ ޑެޕިއުޓީ ކަލެކްޓަރަކު ފަދަ މީހަކު ހުރެއެވެ. މިއީ ކައުންސިލަށްވުރެ ބާރު ގަދަ މީހެކެވެ. އާއްމު މުޅި ޓެރިޓަރީގެ ކަންކަން ހިންގުމަށް ހުންނަ ސަރުކާރުގެ އެކިއެކި މަހުކަމާތައް ހުންނަނީ ޑިސްޓްރިކްޓް ޕަންޗާޔަތުގެ ދަށުގައެވެ.

ލަކްޝަދީބު އުފެދުނީއްސުރެ އެތަނުގެ އެޑްމިނިސްޓްރޭޓަރުކަން އާއްމުކޮށް ކުރަމުން އައީ އިންޑިޔާގެ ސިވިލް ސަރވިސްގެ ނުވަތަ އިންޑިޔާގެ ޕޮލިސް ސަރވިސްގެ ތަޖުރިބާކާރު އޮފިސަރުންނެވެ. އެއީ އެއްވެސް ގޮތަކަށް ސިޔާސީ މީހުންނެއް ނޫނެވެ. އެހެންވީމާ އެފަދަ އެޑްމިނިސްޓްރޭޓަރުން ޖަވާބުދާރީކުރުމަކީ ނިކަން ފަސޭހަ ކަމެކެވެ. އެއާ ހިލާފަށް އެވަގުތަކު މަރުކަޒީ ސަރުކާރުގެ ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީގެ ސިޔާސީ ވެރިޔަކު މިފަދަ މަގާމަކަށް އައުމުން، އެފަދަ މީހަކު ޖަވާބުދާރީކުރުވުން އެހާ ފަސޭހައެއްނޫނެވެ. މިހާރު ލަކްޝަދީބަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. ލަކްޝަދީބުގެ މިހާރުގެ އެޑްމިނިސްޓްރޭޓަރަކީ އެމަގާމުގައި ކުރިން ހުރި އައިޕީއެސް އޮފިސަރު ދިނޭޝްވަރު ޝަރުމާ މަގާމުގައި ހުއްޓާ 4 ޑިސެންބަރު 2020 ގައި ނިޔާވުމާ ގުޅިގެން 5 ޑިސެންބަރު 2020 ގައި އައްޔަނުކުރެވުނު ޕްރަފުލް ކޯޑާ ޕަޓޭލް އެވެ.

ޕްރަފުލް ކޯޑާ ޕަޓޭލްއަކީ އިންޑިޔާގައި މިހާރު ވެރިކަންކުރާ ބީޖޭޕީގެ ސިޔާސީ ލީޑަރެކެވެ. މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް މީހެކެވެ. ނަރެންދުރަ މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވިއިރު ގުޖުރާތު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރި މީހެކެވެ. އޭގެ ފަހުން މޯދީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށްފަހު 2014 ގައި ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ދަމަން އެންޑް ދިއުގެ އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމަށް ޕްރަފުލް ޕަޓޭލް ގެންނެވިއެވެ. އަދި އޭގެ ފަހުން 2016 ގައި އެހެން ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ދާދްރާ އެންޑް ނަގަރް ހަވޭލީގެ އެޑްމިނިސްޓްރޭޓަރަކަށްވެސް އޭނާ ހަމަޖެއްސެވިއެވެ. އޭގެ ފަހުން މި ދެ ޔޫނިއަން ޓެރިޓަރީ އެއްކޮށްލުމަށްފަހު އުފެއްދި ޔޫނިއަން ޓެރިޓަރީ ދާދްރާ އެންޑް ނަގަރް ހަވޭލީ އެންޑް ދަމަން އެންޑް ދިއުގެ ފުރަތަމަ އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމަށް ވެސް 26 ޖެނުއަރީ 2020 ގައި ޕްރަފުލް ކޯޑާ ޕަޓޭލް އައްޔަނުކުރިއެވެ. މިހާރު އޭނާއަކީ މިދެންނެވި ޔޫނިއަން ޓެރިޓަރީގެ އިތުރުން ލަކްޝަދީބުގެވެސް އެޑްމިނިސްޓްރޭޓަރެވެ.

ދެން މި ޕްރަފުލް ކޯޑާ ޕަޓޭލް ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރު ކަމާ ހަވާލުވީ ފަހުން އިޖުތިމާއީ މީޑިއާގައި #ސޭވްލަކްޝަދީބު ގެ ހޭޝްޓްތައް ގިނަވެގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ އާދެ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އޭނާ އެޑްމިނިސްޓްރޭޓަރު ކަމާ ހަވާލުވީ ފަހުން އޭނާ އަންނަނީ ލަކްޝަދީބުގެ މައްޗަށް ގަދަބަދަވިކަން ދައްކައި ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ޒާތްޒާތުގެ ހަރުކަށި ގާނޫނުތަކާއި ގަވާއިދުތައް ގެންނަމުންވެ. އެއީ އެފަދަ ގާނޫނުތަކެއް ތަންފީޒުކޮށްފިނަމަ މުޅި ލަކްޝަދީބުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލޭނެ ފަދަ ގާނޫނުތަކެކެވެ. އަދި އޭގެ ސަބަބުން އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށްތަކުގައި ނޫޅެވި ރަށްތައް ދޫކޮށް ހިޖުރަކުރަންޖެހިދާނެ ފަދަ ހަރުކަށި ގާނޫނުތަކަކާއި ގަވާއިދުތަކެކެވެ.

2020 ގައި ކޯވިޑް-19ގެ އާލަމީ ވަބާ މުޅި އިންޑިޔާގެ ކަންކޮޅުތަކަށް ފެތުރުނު އިރުވެސް ލަކްޝަދީބުގެ ރަށްތައް އޮތީ ކޮވިޑް-19 އިން ރައްކާތެރިވެގެންވާ ސަރަހައްދެއްގެ ގޮތުގައެވެ. ލަކްޝަދީބަކީ އާދައިގެ ހާލަތްތަކުގައި ވެސް އިންޑިޔާގެ އެހެން ތަންތަނަށް އައިސް ގޮސް ހެދޭހެން ދެވޭ ތަނެއް ނޫނެވެ. އެތަނަށް ދެވޭނީ ހާއްސަ ހުއްދައެއް ލިބިގެންނެވެ. ބޭރު މީހުންނަށް ވެސް ލަކްޝަދީބަށް ދެވޭނީ ޓޫރިސްޓް ވިސާ ނަގައިގެން ކަނޑައެޅިފައިވާ ވަކި ރަށްތަކަކަށް އެކަންޏެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި ލަކްޝަދީބަށް ދަތުރުކުރުމަށްޓަކައި ހާއްސަ އުސޫލެއް ކަނޑައެޅިފައި އޮތެވެ. އެގޮތުން ނެގެޓިވް ފީސީއާރް ނަތީޖާއަކާއެކު އަންނަ މީހަކަށްވެސް ލަކްޝަދީބަށް އާދެވޭނީ ކަރަންޓީނު ވުމަށްފަހުގައެވެ. ޕްރަފުލް ކޯޑާ ޕަޓޭލް އައި ގޮތަށް އައިސް އެސްއޯޕީ އުވާލައި 48 ގަޑިއިރު ނުވާ ނެގެޓިވް ފީސީއާރް ނަތީޖާއަކާއެކު ކަރަންޓީނު ނުވެ ލަކްޝަދީބަށް އެރޭ ގޮތަށް ހެދިއެވެ. އެއާއެކު 70000 މީހުންގެ އާބާދީއެއް އޮތް ލަކްޝަދީބުގައި ކޮވިޑް-19 ފެތުރި މިހާތަނަށް 6917 މީހަކަށް ބަލި ޖެހި 109 މީހަކު މަރުވެއްޖެއެވެ. އާދެ އިންޑިޔާގައި އޮތް ކޮވިޑް ނެތް ހަމައެކަނި ތަން ނިސްބަތުން ކޮވިޑްގެ ވަބާ އެންމެ ބޮޑަށް ފެތުރިފައިވާ ތަނަށް ބަދަލުވީއެވެ.

ކޮވިޑް-19 ގެ ބަލި ލަކްޝަދީބަށް އާއްމުކުރުމާއެކު ޕްރަފުލް ކޯޑާ ޕަޓޭލް ދެން ގެންނަން ފެށީ އިސްވެ ދެންނެވުނު އަނިޔާވެރި ގާނޫނުތަކާއި ގަވާއިދުތަކެވެ. މިގޮތުން އެންމެ ފުރަތަމަ ގެނައި ގާނޫނަކީ އިންޑިޔާގައި މަޝްހޫރު ގުންޑާ ގާނޫނެވެ. އާދެ ލަކްޝަދްވީޕް ޕްރިވެންޝަން އޮފް އެންޓިސޯޝަލް އެކްޓިވިޓީސް 2021 ގެ ނަމުގައެވެ. މީގެ ނުރައްކާތެރިކަމަކީ ޝަރީއަތްކުރުމަކާ ނުލައި ލަކްޝަދީބު އެޑްމިނިސްޓްރޭޓަރަށް ފެންނަ ކޮންމެ މީހަކު ހައްޔަރުކޮށް ބަންދުކުރުމުގެ އިހުތިޔާރު ލިބިދޭތީއެވެ. މިފަދަ މީހަކީ ކޮންމެހެން ގާނޫނީ ގޮތުން ކުށްވެރިއަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ލަކްޝަދީބު އެޑްމިނިސްޓްރޭޓަރަށް އެއީ ކުށްވެރިއެއް ކަމަށް ފެނިއްޖެއްޔާ އެމީހަކަށް ލިބިދޭ ގާނޫނީ ހައްގުތަކުން މަހުރޫމުކޮށް ހައްޔަރު ކުރެވެއެވެ. އާދެ، އެޑްމިނިސްޓްރޭޓަރުގެ ނިންމުންތަކާ ދެކޮޅު ހަދައި އިހުތިޖާޖުކުރާ ކޮންމެ މީހަކު ހައްޔަރުކުރުމުގެ ބާރު ލިބުނީއެވެ. އިންޑިޔާގެ ކުށްކުރާ ރޭޓު އެންމެ މަދު އަދި އިންޑިޔާގެ ނިސްބަތުން 70000 ގެ ކުޑަކުޑަ އާބާދީއަކަށް މިފަދަ ގާނޫނެއް ގެންނަން ޖެހޭ އެހެން އިތުރު ސަބަބެއް ނޯންނާނެއެވެ.

ގުންޑާ ގާނޫނަށްފަހު ދެން ފެނިގެން ދިޔައީ ލަކްޝަދީބުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ފެށި ތަނެވެ. މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ލަކްޝަދީބަކީ ފެށުނީއްސުރެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރެވިފައި އޮންނަ ތަނެކެވެ. މިހާތަނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެވިފައި އޮތީ ފަތުރުވެރިންނަށް ހާއްސަކޮށްގެން، މީހުން ދިރިނޫޅޭ ރަށެއް ކަމުގައިވާ ބަންގާރަމްގައި ހަދާފައިވާ ރިސޯޓުގައި އެކަންޏެވެ. ދެން ހުންނަ ރިސޯޓުތައް ހުންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމަށްވާތީ މިހާތަނަށް އެތަންތާނގައި ބަނގުރާ ނުވިއްކައެވެ. ކުރިން ދެންނެވި ފަދައިން މުސްލިމު އާބާދީއެއް އޮންނަ ތަނަކަށް ވާތީ އެތަނުގެ ރައްޔިތުންގެ ދީނާއި ސަގާފަތަށް އިހުތިރާމު ކުރުމުގެ ގޮތުން އެކަން އެގޮތަށް އޮތީއެވެ.

އެހެންނަމަވެސް ދިވެހިރާއްޖެ ނަމޫނާއަކަށް ބަލައިގެން ކަމަށް ބުނެ ލަކްޝަދީބުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ބަނގުރާ ގަނެވިއްކުމުގެ ހުއްދަ ދިނީއެވެ. އެތަނުގެ ރައްޔިތުންނާއި އެބައިމީހުންގެ ދީނާއި ސަގާފަތަށް އިހުތިރާމުކުރުމެއް ނެތިއެވެ. އަދި ދިވެހިރާއްޖޭގައި އެކަންކުރާ ގޮތުގެ ސައްހަ މައުލޫމާތުވެސް ނުލިބި ތިބެއެވެ. ސަބަބަކީ ދިވެހިރާއްޖޭގައި ވެސް ބަނގުރާ ވިއްކުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީ ކޮށްފައިވާ މީހުން ދިރިނޫޅޭ ރަށްރަށުގައެވެ. ނުވަތަ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ހަދާފައިވާ ސަފާރީ ބޯޓުފަހަރުގައި އެކަންޏެވެ.

ބަނގުރާ ހުއްދަކުރުމަށްފަހު ދެން އައީ ލަކްޝަދްވީޕް އެނިމަލް ޕްރިޒަވޭޝަން ރެގިއުލޭޝަން 2021 ގެ ނަމުގައި ގެނައި ގެރިކަތިލުން މަނާކުރާ ގަވާއިދެވެ. އަދި ގެރިމަހުގެ ބާވަތްތައް ގެންގުޅެ ވިޔަފާރިކުރުން ވެސް މަނާކުރާ ގަވާއިދެވެ. މީގެ ދަށުން ގެރިމަސް ގެންގުޅެ އޭގެ ވިޔަފާރިކުރާކަން ސާބިތުވެއްޖެ ކޮންމެ މީހަކަށް ދިހައަހަރާ ޖެހޭންދެން ޖަލަށް ލުމުގެ ބާރު ލިބެއެވެ. އަދި މިގަވާއިދުގެ ދަށުން އެހެން ބާވަތެއްގެ ޖަނަވާރެއް ކަތިލާކަމަށްވަންޏާވެސް ކަތިލެވޭނީ އިތުރު ހުއްދަތައް ލިބިގެންނެވެ. އަދި އޭގެ އިތުރުން ސްކޫލުތަކުގައި އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތައް ހިމެނޭ ކެއުންތައް އާދެ، ނޮންވެޖް ކާނާވެސް ވަނީ މަނާކޮށްފައެވެ. ލަކްޝަދީބަކީ %95 އަށްވުރެ ބޮޑު މުސްލިމު އާބާދީއެއް އޮތް ތަނަކަށްވެފައި ކެއިންބުއިމުގައި ގެރީގެ އިތުރުން ތަފާތު ބާވަތްތަކުގެ އެއްގަމު މަހާއި ކަނޑުމަސް ކައިއުޅޭ ބައެއްގެ މައްޗަށް ހިންގަން ކިހާ ނާއިންސާފު ގަވާއިދެއްތޯއެވެ. މިއިން ދޭހަވަނީ ލަކްޝަދީބުގެ މިހާރުގެ އެޑްމިނިސްޓްރޭޓަރު އެތަނުގެ ރައްޔިތުންނަށާއި އެމީހުންގެ ދީނާއި ސަގާފަތަށް އިހުތިރާމު ނުކުރާ ކަމެވެ.

ދެން ފެނިގެން ދިޔައީ ލަކްޝަދްވީޕް ޕަންޗާޔަތު ރެގިއުލޭޝަން 1994، އާދެ ލަކްޝަދީބުގެ ކައުންސިލްތަކާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން އިއުލާނު ނެރި އެއަށް ފަހު ލަކްޝަދްވީޕް ޕަންޗާޔަތު ރެގިއުލޭޝަން 2021 ނަމުގައި ކައުސިލްތަކާބެހޭ މުޅީން އާ ގަވާއިދެއް އެކުލަވާލި ތަނެވެ. އޭގެ ދަށުން ކައުންސިލްތަކުގެ ދަށުގައި އޮތް ބާރުތައް މަދުކޮށް، ގިނަ ބާރުތައް ސީދާ އެޑްމިނިސްޓްރޭޓަރުގެ ދަށަށް ގެނައެވެ. އާދެ، ރައްޔިތުންގެ ބާރު ކަނޑާލީއެވެ. މިކަމުގެ ތެރެއިން ލަކްޝަދީބަށް ނިސްބަތްވާ ސަރުކާރުގެ އޮފިސަރުންތައް އެއްފަރާތްކޮށް މައިކަރައިން އައިސް ތިބި މީހުން މަތީ ފަޑިތަކަށް އިސްކުރުން ހިމެނެއެވެ. އަދި މިގެނައި ބަދަލުތަކުގެ ތެރެއިން 300 އެއްހާ ދޭސީ ލަކްޝަދީބު ރައްޔިތުން ވަޒީފާތަކުންވެސް ވަކިކުރިއެވެ.

އަލަށް އެކުލަވާލި ކައުންސިލްތަކާ ބެހޭ ގަވާއިދުގައި ވަރަށް ހެއްވާ މާއްދާއެއްވެސް ހިމަނާފައިވެއެވެ. އެއީ އެ ގަވާއިދުގެ 14 ވަނަ މާއްދާގައި މެންބަރުންގެ ޝަރުތުތައް ކަނޑައެޅިއިރު ލިބިފައިވާ ދަރިންގެ އަދަދު 2 އަށްވުރެ ގިނަ ނަމަ ޕަންޗާޔަތު (ކައުންސިލް) ގެ މެންބަރު ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް ޝަރުތެވެ. މީގެ ދޯހަޅިކަމަކީ ތިން ދަރިން ތިބޭ މީހަކަށް ބޮޑު މުސާރަ ލިބޭ އިންޑިޔާގެ ބަރުލަމާނަށް ކުރިމަތިލެވިފައި، ތިން ދަރިން ތިބޭ މީހަކަށް އެއްވެސް މުސާރައެއް ނޯންނަ ކައުންސިލްގެ މަގާމަށް ކުރިމަތި ނުލެވޭ ކަމެވެ. ލަކްޝަދީބުގެ މައްސަލާގައި ވާހަކަދައްކާ ގިނަ ބަޔަކު ބުނާ ގޮތުން މިއީ ކަނޑައެޅިގެން އެޑްމިނިސްޓްރޭޓަރުގެ ނިންމުންތަކާ ދެކޮޅުހަދާ ވަކި ބަޔަކަށް އަމާޒު ކޮށްގެން އިތުރުކޮށްފައިވާ ޝަރުތެކެވެ. އަދި އެއީ ލަކްޝަދީބުގެ ސަގާފަތަށް ބެލުމެއްނެތި އިތުރުކޮށްފައިވާ ޝަރުތެއްވެސްމެއެވެ.

ޕަންޗާޔަތުގެ ގަވާއިދަށް މިގެނައި ބަދަލުތަކުގެ ސަބަބުން ޑިމޮކްރެޓިކް އިންޑިޔާގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ފެސިސްޓް ނިޒާމެއްގެ ސިފަ ޖެހުނީއެވެ. އެހެނީ މުޅި ލަކްޝަދީބުގައި އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ވޯޓުލައިގެން ހޮވައިނަގާ ހަމައެކަނި ބަޔަކީ ކައުންސިލްތަކުގެ މެންބަރުން ކަމަށްވެފައި، އެ މެންބަރުން ހޮވޭ ކައުންސިލްތަކުގެ ބާރު އައްޔަނުކުރާ ސިޔާސީ މީހެއްގެ އަތްދަށަށް ދިޔުމުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ހުދުމުތާރު ވެރިޔެއްގެ އަތްމައްޗަށް އެބާރުތައް ދިޔައީއެވެ.

ޕްރަފުލް ކޯޑާ ޕަޓޭލް ލަކްޝަދީބުގެ މައްޗަށް ކުރަމުން އަންނަ ހުދުމުހުތާރު ވެރިކަމުގެ ތެރެއިން ދެން ފެނިގެން ދިޔައީ ލަކްޝަދްވީޕް ޑިވެލޮޕްމަންޓް އޮތޯރިޓީ 2021 ގެ ނަމުގައި އުފައްދާ އޮތޯރިޓީއެވެ. މިއީ އިސްވެ ބަޔާންކުރެވުނު ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ކަންތަކެވެ. މިއީ ރީތި ނަންބޯޑެއް އަޅުވައި ތަރައްގީގެ ނަމުގައި ހަދާފައިވާ ވަރަށް މަކަރުވެރި އޮތޯރިޓީއެކެވެ. ލަކްޝަދީބާއި ލަކްޝަދީބުގެ ރައްޔިތުންނަކީ އިންޑިޔާގެ ގާނޫނުއަސާސީގެ ދަށުން ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ބައެކެވެ. އިންޑިޔާގައި އިންޑިޖެނަސް ނުވަތަ ރަށްރަށުގެ އަސްލުވެހީންގެ ގޮތުގައި ހިމެނޭ މީހުން ހިމާޔަތްކޮށް އެބައިމީހުންގެ ބިންތައް ރައްކާތެރިކުރުމަށްޓަކައި ހާއްސަ ގަވާއިދުތައް ހެދިފައި ހުރެއެވެ. މިގޮތުން ލަކްޝަދީބުގެ ރައްޔިތުންނަކީ އެތަނުގެ އަސްލުވެހީންނެވެ. އެހެންކަމުން ޒަމާނުއްސުރެ އިންޑިޔާގެ ކުރީގެ ސަރުކާރުތަކުން ލަކްޝަދީބުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އައީ އެމީހުންގެ ސަގާފަތްތަކާއި އާދަކާދަތަކާއި ބިންބިމާއި އަދި ރަށްތަކުގެ ގުދުރަތީ މާހައުލު ހަލާކުވެގެން ނުދާނޭފަދަ ގޮތްގޮތަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ލަކްޝަދީބުގެ އަސްލުވެހީންގެ ބިންތައް "ފޭރުމުގެ" އިހުތިޔާރު މިހާރު ހަދަން ކަނޑައަޅާފައިވާ އޮތޯރިޓީއަށް ލިބިދީފައިވެއެވެ.

އާދެ، ތަރައްގީގެ ނަމުގައްޔާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި މިރަށްތަކުގައި ހިންގާ، ރަށާ އެކަށީގެންނުވާ ޕްރޮޖެކްޓްތަކެއްގެ ސަބަބުން ރަށުގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ތަފާތު އެތައް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އަމިއްލަ ބިންތަކާއި ދަނޑުބިންތަކާއި އަޅުކަންކުރާ މިސްކިތްތަކާއި ދިރިއުޅުމަށްޓަކައި ކުރަމުން އައި މަސައްކަތްތަކަށް ބުރޫއަރާނެއެވެ. މީގެ ސަބަބުން އިންޑިޔާގެ ނިސްބަތުން ކުދިކުދި އާބާދީތަކެއްގެ މައްޗަށް އެކުލެވިގެންވާ ބިންކުޑަ މިރަށްތަކުގައި، އެތައް ސަތޭކަ އަހަރެއް ވާންދެން އުޅެމުން އައި އެރަށްތަކުގެ އަސްލުވެހީންނަށް އެރަށްތައް ދޫކޮށް މައިކަރައަށް ހިޖުރަކުރަން މަޖުބޫރު ވެދާނެ ފަދަ ކަމެއް މެދުވެރިވުން އެކަށީގެންވެއެވެ.

އަޅުގަނޑު މިލިޔުނީ ލަކްޝަދީބުގެ މުޅި މައްސަލައާ ގުޅޭ ކުރު ހުލާސާއެކެވެ. މިއީ ވަރަށް ބައިވަރު ގިނަގުނަ ކަންތައްތަކެއް އެކުލެވިގެންވާ މައްސަލައެކެވެ. މިކަމުގައި ލަކްޝަދީބާ އަވަށްޓެރި އަދި ލަކްޝަދީބުގެ ރައްޔިތުން އެތަނަކުން އެބައިމީހުންގެ ގިނަގުނަ މުހުތާދުތައް ފުއްދާ ކެރަލާ ސްޓޭޓްގެ ސަރުކާރާއި އެތަނުގެ ރައްޔިތުން ތިބީ ލަކްޝަދީބުގެ ރައްޔިތުންނާ އަތާއިއަތް ގުޅާލައިގެން ޕްރަފުލް ކޯޑާ ޕަޓޭލްގެ ހުދުމުހުތާރު އަނިޔާވެރިކަމުން ލަކްޝަދީޕް ސަލާމަތްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށެވެ. އެކަމަށްޓަކައި ތަފާތު އެކި މަސައްކަތްތައް، ރަސްމީ ގޮތުންނާއި އަދި ނުރަސްމީ ގޮތުންވެސް އެބަކުރޭވެސްމެއެވެ. އަދި އޭގެ އިތުރުން މިކަމުގައި އިންޑިޔާގެ އެހެން ސަރަހައްދުތަކުންވެސް އަންނަނީ ބައިވެރިވަމުންނެވެ.

އަޅުގަނޑު ނިންމާލަނީ ޕްރަފުލް ކޯޑާ ޕަޓޭލް ލަކްޝަދީބުގައި ހިންގަމުން އަންނަ ނޭއްގާނީ ހުދުމުހުތާރު ކަންކަމާ ގުޅިގެން މަލިކު ކައުންސިލް (ވިލެޖް/ދީބު ޕަންޗާޔަތު) ގެ ނައިބު ރައީސް ވިދާޅުވެފައި އޮތް ބަސްކޮޅަކުންނެވެ.

"ލަކްޝަދީބުގައި މިހާރު ހިނގަމުންދާ މައްސަލައަކީ ގެރިމަހާއި، ބަނގުރާ ނުވަތަ މުސްލިމުންނާ ގުޅޭ މައްސަލައެއް ނޫނެވެ. އެއީ އަޅުގަނޑުމެން މިރަށްތަކުގައި ދިރިތިބުމާ ގުޅިފައިވާ މައްސަލައެކެވެ. ލަކްޝަދްވީޕް ޑިވެލޮޕްމަންޓް އޮތޯރިޓީ 2021 އަކީ ބިން ފޭރުމާއި ނަސްލު ނައްތާލުމުގެ ނިޔަތާއެކު އުފައްދާ އޮތޯރިޓީއެކެވެ. މިއީ ލަކްޝަދީބުގެ އަސްލުވެހީން އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ދިރިދެމިތިބުމާ ގުޅިފައިވާ މައްސަލައެކެވެ."

ނޯޓު: އަސްލުވެހީންނަކީ އިންޑިޖެނަސް ޕީޕަލް އެވެ.

*********

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.