ރިޕޯޓް

ކޮވިޑުގައި މަރުވި މީދޫ އަބްދުﷲ: ދަރިވަރުން އެންމެ ލޯބިވާ މުދައްރިސް، ފިޔަވަތީން ޔަތީމު ކުއްޖަކާ ހަވާލުވެ ބަލަމުން އައި

ރިފާ ހަލީލު

6

ވަކިވެގެންދިޔައީ ސްކޫލުގެ ނަމޫނާ ޓީޗަރެއް. ރަށުގެ ހުރިހާ ރައްޔިތުން ފަހުރުވެރިވާ އެންމެން ލޯބިވާ ދަރިއެއް. ގައުމީ އެވޯޑެއް ދެންޏާ އެ އެވޯޑު އޭނަޔަށް ހައްގުވާނެ. މާތް އަހުލާގެއްގެ މަޑުމައިތިރި އޯގާތެރި މީހެއް. ދަރިވަރުންނާ ގާތް ގުޅުމެއް ބޭއްވި ގިނަ ދަރިވަރުންތަކެއްގެ ބައްޕަ. އެއީ ލޯތްބާއި އިހުތުރާމު ލިބިފައިވާ ލޯބި މީހެއް."

މިއީ އިއްޔެގެ ވަގުތެއްގައި ކޮވިޑުޖެހިގެން މަރުވި، ދ. މީދޫ، ސީސަން، އަބްދުﷲ ރަޝީދު 47އ، އާއި ގުޅޭ ގޮތުން މީދޫ ސްކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސޯބިރާ ހަސަން ރޮމުން "ވަން" އާ މިއަދު ހިއްސާކުރި ވާހަކަތަކެވެ.

ސޯބިރާ އެކަންޏެއް ނޫނެވެ. ދ. އަތޮޅު މަދަރުސާގައި ތައުލީމު ހާސިލު ކުރަމުން އަންނަ އަދި އެ މަދަރުސާގައި ތައުލީމު ހާސިލް ކޮށްފައިވާ ކޮންމެ ދަރިވަރަކުވެސް ދައްކަމުން އަންނަ ވާހަކަ އެވެ. މުޅި ސޯޝަލް މީޑިއާގައި އަބްދުﷲ އާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކުން އެއީ ނަމޫނާ ލާމަސީލު ޓީޗަރެއް ކަމާމެދު ޝައްކެއް ނެތެވެ.

މިހާރު ގާޒީ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސަކަތް ކުރަމުން އަންނަ ސޯބިރާ ވިދާޅުވީ އަބްދުﷲ އަކީ އޭނާގެ ދަށުން މަސައްކަތް ކުރި ނަމޫނާ ޓީޗަރެއް ކަމަށެވެ. ތަފާތު ކުރުމެއްނެތި ހުރިހާ ދަރިވަރުންނާވެސް ގާތް ގުޅުމެއް ބޭއްވި އޯގާތެރި މުދައްރިބެއް ކަމަށެވެ. އޭނާގެ ބެލުމުގެ ދަށުން މީދޫ ސްކޫލްގެ ދަރިވަރުންތަކެއް މޮޅު ކުޅިވަރު ކުޅުންތެރިންނަށާއި އެތުލީޓުންނަށް ވި އެވެ. މީދޫ ސްކޫލަށް މީގެ ކުރިން ނުލިބޭ އެތަށް އެވޯޑެއް އޭނާގެ ސަބަބުން ލިބުނު ކަމަށް ސޯބިރާ ވިދާޅުވި އެވެ.

"އަބްދުﷲ އަކީ މޮޅު އެތުލީޓެއް ނޫން. އެކަމަކު އޭނަގެ ބެލުމުގެ ދަށުން އެތައް ކުދިންނެއް ގައުމީ ފެންވަރުގެ އެތުލީޓުންނަށް ހެދި. ފުޓުބޯޅަ، ވޮލީ ބޯޅަ، މިހެން ގޮސް ހުރިހާ ކުޅިވަރުތަކެއްގެ ހުރިހާ ކުދިން ބައިވެރިކުރުވާނެ. ސިޔާސަ ކުދިން ކުލާސްތަކުގަ ތިއްބަސް އެކުދިން ވާނީ އަބްދުﷲ އެންމެ ލޯބިވާ ކުދިންނަށް. އެ ކުދިން ވަރަށް ގާތް ވާނެ. ކުޅިވަރުގެ ހަރަކާތްތަކަށް ކުދިން މާލެ ގެނެސްގެން ބޯޅަގޭގަ ތިބޭ އިރު އަބްދުﷲ އަމިއްލަ ޖީބުން އެ ކުދިންނަށް ހަރަދު ކުރާނެ. ބެލެނެވެރިން ޖެހިލުމެއް ނުވާނެ އަބްދުﷲ އާއެކު އެ ކުދިން މާލެ ފޮނުވާކަށް. އަދި އެހެން ތަނަކަށް ފޮނުވަންވެސް. އަމިއްލަ ދަރިން ފަދައިން ބަލާނެ." އޭނާ ވިދާޅުވި އެވެ.

ބަލިވީ ކޮވިޝީލްޑް ވެކްސިން ޖެހިފަހުން!

ކޮވިޑުން ދިފާއު ވުމަށް އެންމެންވެސް ވެކްސިން ޖަހައި ރައްކާތެރިވުމަށް ސިއްހީ އެހީތެރިން ދިޔައީ ކެނޑިނޭޅި ގޮވަމުންނެވެ. އަދި މިހާރުވެސް މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ކަމާގުޅޭ މުއައްސަސާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. ވެކްސިން އަކީ ކޮވިޑުގެ ދިފާއު ނަމަވެސް، އޭގެ ސައިޑް އިފެކްޓް ކޮންމެވެސް މިންވަރަކަށް ބައެއް މީހުންނަށް ކޮށްފައި އެބަހުއްޓެވެ. އެހެން ނަމަވެސް ދެން ދިމާވާ މައްސަލަތައް އަންނަނީ ސީދާ ވެކްސިންގެ ސަބަބުން ކަން އަދި މިހައިތަނަށް ހޯދިފައެއް ނުވެ އެވެ.

ސޯބިރާ ވިދާޅުވީ ވެކްސިން ޖެހުމުގެ ކުރިން އަބްދުﷲ އަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމަށެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން އެހެން ބައެއް މީހުންނެކޭ އެއްފަދައިން އަބްދުﷲވެސް ހުން އައިސް ވަރަށް ބޮޑަށް ބަލިވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލި ބޮޑުވެ މީހާގެ ގައިގައިި ވަރު ދޫވެ ގޮތް ގޮތް ވާން ފެށުމުން ލ. ގަމު ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. އެ ދުވަސްވަރަކީ ކޮވިޑުގެ ހާލަތު ގޯސްވާ ގިނަ ބަޔަކު ބޭސްފަރުވާ އާއި އެހެނިހެން ކަންކަމަށް އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ޒިޔާރަތްކުރި ދުވަސް ވަރެކެވެ. ބޮޑުވަރު ވުމުން ނޫނީ މާލެއަކަށް ނާދެ އެވެ.

އެގޮތުން އަބްދުﷲ ވެސް ގަމު ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން އިމަޖެންސީގައި މާލެ ފޮނުވާލީ ކަމަށާއި އައިޖީއެމްއެޗުގައި ފަރުވާ ދީ، އޮޕަރޭޝަނެއް ކުރަން އެންގި ކަމަށް ސޯބިރާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންކަހަލަ އޮޕަރޭޝަނެއް ކަމެއް އަދި އޮޕަރޭޝަނުގެ މާ ބޮޑު ތަފްސީލެއް އެއިރު ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"އައިޖީއެމްއެޗުން އޮޕަރޭޝަން ނުކުރަން އިންޑިއާއަށް ދިޔައީ. އެއިރުވެސް ދެ ފަހަރެއްގެ މަތީން ކޮވިޑު ޓެސްޓު ހެދި. ނަތީޖާ ނެގެޓިވް. އިންޑިއާއިން އެނބުރި އައިސް ރަށަށް ދިޔައީ. ރަށުގަ ހުއްޓާ އަނެއްކާވެސް ބަލިވި. އެފަހަރު ރަށު މަރުކަޒުގަ ބާއްވާފަ އޮއްވާ އަޅުގަނޑުވެސް ދިޔައިން ހާލު ބަލަން. ބުނި ވަރަށް ރިއްސާ ވާހަކަ. ވާހަކަ ދައްކަންވެސް ކާންވެސް އުދަނގޫ ވާ ވާހަކަ. ދެން ފަހުން އެއްޗެއް ނުކެވި ހުސް ދިޔާ އެއްޗިހި ބޭނުން ކުރީ. އޭގެ ފަހުން ރަނގަޅު ނުވެގެން އަނެއްކާވެސް މާލެ ގެނައީ." އޭނާ ވިދާޅުވި އެވެ.

މާލެ އައީ ދެވަނަ ފަހަރަށް އިންޑިއާއަށް ދިޔުމަށް ތައްޔާރުވެގެން ކަމަށް ސޯބިރާ ވިދާޅުވި އެވެ. އަދި ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުމުގެ ކުރިން ނޭވާއަށް އުދަނގޫ ވެ އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ކަމަށް ވިދާޅުވި އެވެ. އޭޑީކޭ އިން ނަތީޖާ ބެލި އިރު ޕޮޒިޓިވް ކަން އެނގުމުން އެކަމާ އަބްދުﷲ ވަރަށް ބޮޑަށް ދެރަ ވެ ހެޔަށް ގޮތް ވި ކަމަށާއި އޭގެ ފަހުން ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައި ކަމަށްވެސް ސޯބިރާ ވިދާޅުވި އެވެ.

"އަބްދުﷲ ބަލިވާން ފެށީމަ ހުރީ އެކަންތަކާ ވަރަށް ބޮޑަށް ދެރަވެފަ. ހުއްޓާ ކޮވިޑު ޖެހުނުކަން އެނގުމުން އޭނާ ފެއިންޓްވި. އޭގެ ފަހުން ވެންޓިލޭޓަރުގަ ފަރުވާދެމުންއައީ. ހުޅުމާލެ ފެސިލިޓީ އަށް ބަދަލު ކުރީވެސް ވެންޓިލޭޓަރުގަ. އެތަނަށް ގެންދިޔަތާ ތިން ދުވަސް އިއްޔެއަށް ވާނީ. އަބްދުﷲ ވަކިވެގެން އެދިޔައީ އަޅުގަނޑުމެން އެންމެން ރޮއްވާލާފަ. އެއީ ނަމޫނާ އޯގާތެރި ލޯބި މީހެއް." އަސަރާއެކު ރޮވިފައި ހުރެ އަބްދުﷲ އާ ދެބޭންގެ ދެދަރި ދައްތަ ސޯބިރާ ވަން އަށް ކިޔައިދިނެވެ.

އެތައް ކުދިންނެއްގެ ބައްޕައެއް ފަދަ ލޯބިވާ މުދައްރިސެވެ. އަނެއް ބައި ކުދިންނަށް އެއީ ލިޔަން ކިޔަން ދަސްކޮށްދީ މޮޅު މީހަކަށް ހަދައިދިން އޯގާތެރި އެދުރުބެ އެވެ. ގޯސް އެއްވެސް ކަމެއް އަބްދުﷲގެ ފަރާތުން އެ ކުދިންނަށް ފާހަގައެއް ނުކުރެވެ އެވެ. މަދަރުސީ ހަޔާތް ނިންމާލިޔަސް އަބްދުﷲގެ ފަރާތުން އެ ކުދިންނަށް ނަސޭހަތާއި ކުރިއަށް ދާންވީ ގޮތް އަބަދުމެ ބުނެދެ އެވެ. ވަޒީފާއަކަށް ދިޔަސް ހިތްވަރުދެ އެވެ.

"ހާދި ރީތި ޔުނީފޯމެކޭ. ބަސް އަހައިގެން ވަޒީފާގަ އުޅޭތި. ސަރ އަބަދުވެސް ހުންނާނަން ތި ކުދިންނާއެކު. ކަމެއް ބޭނުންވިޔަސް އެއްޗެއް އޮޅުން ފިލުވަން ވިޔަސް ސަރ އަށް އަބަދުވެސް ގުޅޭނެ. އަބަދުވެސް ކާމިޔާބަށް އެދެން." މިއީ އަބްދުﷲ ކިޔަވައިދިން ދަރިވަރަކަށް އޭނާ ފޮނުވާފައިވާ މެސެޖެއް ކަމަށް ބުނެ އެ ދަރިވަރު ސޯޝަލް މީޑިއާ އަށް ދޫކޮށްލި މެސެޖެކެވެ.

ތެދެކެވެ. އެއީ ނަމޫނާ ޓީޗަރެކެވެ. ލޯތްބާއި އޯގާތެރިކަމުގެ ނަމޫނާ އެކެވެ. އަބްދުﷲ ދެކޭ ގޮތުގައި އެއްވެސް ކުއްޖަކީ ކިޔެވުމަށް ދަށް ކުއްޖެއް ނޫނެވެ. މަދަރުސާއެއްގައި ބަސް ނާހާ އެއްވެސް ދަރިވަރަކު ނުހުންނާނެ އެވެ. އަބްދުﷲ އަށް އެކުއްޖަކު ނުބެލެހެއްޓޭނެ އެއްވެސް ދަރިވަރަކު ސްކޫލަކު ނުހުންނާނެ އެވެ.

"އަބްދުﷲ ބޭބެ އަކީ އަޅުގަނޑު ވަރަށް ގަދަރު ކުރި އަޅުގަނޑު ވަރަށް ލޯބިވާ ބޭބެއެއް. އަޅުގަނޑަށް ލިޔަން ކިޔަން ދަސްކޮށްދީ އެތައް އަގުހުރި ފިލާވަޅުތަކެއް އުނގަންނައިދިން އަޅުގަނޑު އެންމެ ލޯބިވާ މުދައްރިސް. އަބްދުﷲ ބޭބެ ފަދަ އޯގާތެރި ހިތަހެޔޮ މީހަކު އަޅުގަނޑު ހަޔާތުގައިވެސް ނުދެކެން. އާންމު މީހަކަށް އެތަކެއް އަހަރުތަކެއްގައިވެސް ނުކުރެވޭނެ ފަދަ އެތައް ހިދުމަތްތަކެއް އިންސާނިއްޔަތަށާއި ގައުމަށް ކޮށްދެއްވަމުންދިޔަ މީދޫގެ ޖަވާހިރެއް. ވަކިވެގެން ތި ދިޔައީ އެންމެން ރޮއްވާލާފައި." އަބްދުﷲ ކިޔަވައިދީފައިވާ ދަރިވަރަކު އޭނާއާ ގުޅޭ ގޮތުން ސޯޝިއަލް މީޑިއާގައި ލިޔެފައިވެ އެވެ.

އެހެން ކުއްޖަކު ލިޔެފައި އޮތެވެ.

"ތިއީ ނަމާދަށް އަހުލުވެރިކުރުވި ޓީޗަރެވެ. އަތުގައި ހިފައިގެން މިސްކިތަށް ގެންގޮސް ނަމާދުގެ ހަރަކާތްތައް ވަކި ވަކިން ދަސްކޮށްދިން އޯގާތެރި މުދައްރިސެވެ. ނަމާދުގައި ކިޔާ ތަކެތި އަޅުގަނޑަށް ދަސްކޮށްދެއްވީ ފޫހި ކަމެއްނެތި އަމިއްލަ ދަރިއަކަށް ކިޔައިދިން ފަދައިންނެވެ. އަޅުގަނޑަށް ފޮތް ފަންސުރު އެހެން އެއްޗެއް މަދުވިޔަސް ހޯދައިދިނެވެ. ތިޔައީ ނުވާނެޔޭ ބުނާ ކޮންމެ ކަމެއް ވާނެޔޭ ބުނެ ހިތްވަރު ދެއްވި އަޅުގަނޑުގެ ލޯބިވާ އަބްދުﷲ ސަރ އެވެ. އަޅުގަނޑު ކުރާ ކޮންމެ ދުއާއެއްގައި މުދައްރިސްގެ ނަން ވާނެ އެވެ. އަޅުގަނޑުމެންނާ ވަކިވީ އެންމެން ރޮއްވާލައިފަ އެވެ. އެންމެ ފަހުން މުދައްރިސް ވިދާޅުވި ފަދައިން މުދައްރިސްގެ ދަރިވަރަކަށް ވީތީ ފަހުރުވެރި ވަމެވެ. ލޯބިވާ މުދައްރިސަށް އަބަދުވެސް ހެޔޮ ދުއާ ކުރާނަން." ދަރިވަރަކު ހިތް ހަލާކުވެފައި ހުރެ އޭނާގެ އުދާސްތައް ސޯޝަލް މީޑިއާއަށް ދޫކޮށްލި ގޮތެވެ.

ތިންދަރިންނަށް އޯގާތެރިވި ބައްޕައެއް، ވަފާތެރި ސާލިހު ފިރިއެއް!

"އަބްދުﷲގެ އަމިއްލަ ދެ އަންހެން ކުދިން ތިބޭނެ. ވަރަށް ލޯބިވާނެ ކުދިން ދެކެ. އަބަދުވެސް ބޭނުންވާނެ ޔަތީމު ކުދިން ބަލަން. ދެން ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން ވަރަށް ދަތި ދެއްތޯ ކުޑަކުދިންގެ ހިޔާ ނުވަތަ ފިޔަވަތިން ކުދިން ގެންނަން. އެކަމަކު އަބްދުﷲ އެކަންވެސް ކޮށްފި. އެތަނުން އަހަރުވެސް ނުވާ ތުއްތު ކުއްޖެއްގެ ގާނޫނީ ބެލެނެވެރިކަން އޭނަގެ ދަށަށް ގެނެސް އެދަރި ބަލަމުން ދިޔައީ ކޮންފަދަ އޯގާތެރިކޮށް. ވަރަށް ހިތްހަމަ ނުޖެހޭނެ ރަށު މީހުން އެއީ ކުޑަކުދިންގެ ހިޔާއިން ގެނައި ކުއްޖެކޭ ބުނެފިއްޔާ. ބުނާނެ އެއީ މަގޭ ދަރިފުޅޭ. މަގޭ ލޯބިވާ ދަރިފުޅޭ. ގޮވާލާނީވެސް ހަމަ އެހެން." ސޯބިރާ ވިދާޅުވި އެވެ.

ތިން ދަރިންނާއި އަނބިމީހާއާ އެކު އަބްދުﷲ ދިރިއުޅެމުން ގެންދިޔައީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެކެވެ. ސޯބިރާ ފާހަގަ ކުރެއްވި ގޮތުގައި އަބްދުﷲ އަކީ ނަމޫނާ ފިރިއެކެވެ. އަދި އޭނާގެ އަންހެނުންނަކީވެސް އޭނާ ފަދަ ހުލްގު ހެޔޮ އޯގާތެރި މީހެކެވެ. އަބްދުﷲ ގެ ދެ އަންހެން ދަރީން ތިބި އިރު، ފިޔަވަތީން ހަވާލުވެ އޭނާ އަމިއްލަ ދަރިޔެއް ފަދައިން ބަލަމުން އައީ ތުއްތު ފިރިހެން ކުއްޖެކެވެ.

އަބްދުﷲގެ އެންމެ ބޮޑު އެއް އުއްމީދަކީ ހުރިހާ ދަރީންވެސް ކީރިތި ގުރުއާން ހިތުދަސް ދަރިން ކަމުގައި ވުން ކަމަށާއި އެގޮތުން ދޮށީ ދަރިފުޅު މިހާރު ގުރުއާން ހިތުދަސް ކުރުމުގެ އެންމެހައި ކަންކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ވަކިވެގެން ދިޔައީ އަބްދުﷲގެ އާއިލާގެ މީހުންވެސް އެންމެ ލޯބިވާ މީހާއެވެ. އަބްދުﷲ އަކީ ހަ މީހުންގެ އާއިލާގެ ހަތަރު ވަނަ މީހާއެވެ. މަންމަ އާއި ބައްޕަ ދުނިޔޭގައި ނެތް ނަމަވެސް އެއްބަނޑު މީހުންނަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭ ކަމަށް ސޯބިރާ ވިދާޅުވި އެވެ.

މީދޫ ސްކޫލަށް ވަގުތީ ޓީޗަރެއްގެ ގޮތުގައި އަބްދުﷲ ވަނީ ކިޔެވުމުގެ ދާއިރާގެ މާ ބޮޑު ފާހެއް އޮވެގެން ނޫނެވެ. ނަމަވެސް 28 އަހަރު އެ ސްކޫލަށް ހިދުމަތް ކުރުމަށްފަހު ދުނިޔެއާ ވަކިވެގެން ދިޔައީ ޓީޗިން ދާއިރާއިން މާސްޓާސް ފުރިހަމަ ކުރުމަށްފަހުގަ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު 47 އަހަރު ފުރުނު އަބްދުﷲ އުމުރުން ހަގު ނަމަވެސް ހިދުމަތުގެ ދާއިރާއަށް ބަލާއިރު އެއީ މީދޫގެ ޖަވާހިރެވެ. އެފަދަ ދެވަނައެއް ނެތް ނަމޫނާ ޝަޚުސެކެވެ.