ކޮވިޑް-19 ގެ ނުރައްކާ ވަރަށް ބޮޑުވި ރަށެއް ކަމުގައިވާ އއ. އުކުޅަހުގައި މިހާރު ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލް ނަގަން އުޅުމުން އެރަށު ގިނަ ބަޔަކު އެކަމަށް ދެކޮޅު ހަދަން ފަށައިފި އެވެ.

އުކުޅަހުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ މިހާތަނަށް ރެންޑަމް ސާމްޕަލް ނަގަން އެރަށު ސިއްހީ މަރުކަޒުން މަސައްކަތް ކުރުމުން ގިނަ ބަޔަކު އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

އުކުޅަހު ސިއްހީ މަރުކަޒުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެރަށުން ޖުމުލަ 171 މީހުން ކޮވިޑަށް ޕޮޒިޓިވް ވި އެވެ. އަދި އޭގެ ތެރެއިން ފަސް މީހުން ފިޔަވައި އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އެހެންކަމުން އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމާ މެދު ގޮތެއް ނިންމުމަށްޓަކައި ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް މަސައްކަތް ކުރަނީ އެވެ. މިއީ މޮނިޓަރިންގެ ހާލަތަށް ގެނެވޭ ހުރިހާ ރަށަކާ މެދު ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލުކުރާ ގޮތެވެ.

"މިރަށުގައި ބަލި ނެތްކަން ޔަގީން ކުރުމަށްފަހު ނޫނީ މޮނިޓަރިންގެ ހާލަތުން ނެގުމަކީ އަޅުގަނޑުމެން ތާއީދު ކުރާ ކަމެއް ނޫން. ރަށުގެ ގިނަ ބަޔަކު ރެންޑަމް ސާމްޕަލް ނެގުމަށް އެއްބާރުލުން ނުދެނީ އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނި ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހިދާނެ ކަމަށް ބުނެ،" އުކުޅަހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އުކުޅަހު ކައުންސިލްގެ ކުރީގެ މެންބަރު އަބްދުﷲ ފިރާގު ވެސް ވަނީ އެރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އެކްޓިވް ކޭސްއެއް ނެތި، ރަށް މޮނިޓަރިންގަ ބާއްވައި ކާފިއު ހިންގައި ސްކޫލާއި ވިޔަފާރިތައް ބަންދުކޮށް، ބާއްވަން ޖެހޭ އުސޫލަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ދެކޮޅު ނުޖެހޭ އުސޫލެއް،" ފޭސްބުކުގައި ފިރާގު ވިދާޅުވި އެވެ.

"ރެންޑަމް ސާމްޕަލް ނެގޭނީ މީހަކު ސާމްޕަލް ނަގަން ދީފިއްޔާއެއްނު،" ފިރާގު ވިދާޅުވި އެވެ.

ފިރާގުގެ ފޭސްބުކު ޕޯސްޓަކަށް ކޮމެންޓް ކުރި މީހަކު ބުނީ ރަށުގައި އެކްޓިވް ކޭހެއް ނެތުމަކީ ރަށު ތެރޭގައި ބަލި ނެތް ކަމުގެ ހެއްކެއް ނޫން ކަމަށެވެ.

ފިރާގު ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮމިޔުނިޓީ ސްޕްރެޑެއް އޮވެގެން ކަމަށާއި އެހެންކަމުން އާންމު ހާލަތަށް ގެނެވޭނީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތްކަން ކަށަވަރުކޮށްގެން ކަމަށެވެ.

"އެކަން ކަށަވަރު ކުރެވޭނީ ރައްޔިތުން ރެންޑަމް ސާމްޕަލް ދީގެން. އެއީކީ އެއްވެސް ހާލެއްގައި ދެކޮޅު ނުޖެހޭ ސިޔާސަތެއް ނޫން،" ފިރާގަށް ރައްދު ދެމުން މީހަކު ބުނެފައިވެ އެވެ.

އެމީހާ ދެއްކި ވާހަކައަށް ރައްދު ދެއްވަމުން ފިރާގު ވިދާޅުވީ ރެންޑަމް ސާމްޕަލް ނެގުމުން ބައެއް މީހުން ޕޮޒިޓިވް ވެދާނެ ކަމަށާއި އެހެން ވާނަމަ އެރަށް މޮނިޓަރިންގެ ހާލަތުން ނެގޭނެ ދުވަހެއް އައިސްގެން ނުވާނެ ކަމަށެވެ.

"ރެންޑަމް ސާމްޕަލް ދީގެން ޕޮޒިޓިވް ވެއްޖެނަމަ، ކޮންޓެކްޓް ޓްރޭސިން ހަދައި އިތުރު ދެ މަހަށް ރަށް ބަންދުކުރަން ޖެހޭނެ،" ފިރާގު ވިދާޅުވި އެވެ.

ފިރާގުގެ ވާހަކަތަކަށް ރައްދުދިން މީހާ ބުނީ އެއަތޮޅު މަތިވެރިއަކީ ކޮވިޑްގެ ކޭސްތައް ވަރަށް ގިނައިން ފެނުނު ރަށެއް ކަމަށާއި އެރަށުގެ ރައްޔިތުން އެޗްޕީއޭ އަށް އެއްބާރުލުން ދިނުމުން މިހާރު ރަށް އެވަނީ އާންމު ހާލަތުގައި ކަމަށެވެ.

އުކުޅަހު ހެލްތު ސެންޓަރުން އަނެއްކާވެސް ވަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށަން ނިންމާފަ އެވެ. އެގޮތުން މިއަދު ރެންޑަމް ސާމްޕަލް ނަގާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

"މިރަށް މޮނިޓަރިންގެ ހާލަތުން އާންމު ހާލަތަށް ބަދަލުކުރުމަށްޓަކައި މަދުވެގެން 100 ރެންޑަމް ސާމްޕަލް ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިރުޝާދުދީފަ އެވެ. ވީމާ، ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން މިކަމަށް އެއްބާރުލުން ދިނުމަކީ މި މަރުކަޒުގެ ވަރަށް ބޮޑު އެދުމެކެވެ،" އުކުޅަހު ސިއްހީ މަރުކަޒުން ކުރި އިއުލާނުގައި އެވެ.