ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޗްޑީސީން ގާއިމުކުރުމަށް ހަމަޖެހިފައިވާ، އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަތް ރަށެއްގެ ޖިމް ގާއިމުކޮށް ނިންމާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަނީ ނުނިމި ހުރި ޖިމްތައް ވެސް ތާވަލާ އެއްގޮތަށް ނިންމުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ ސާމާނު ކަމަށް އެޗްޑީސީން ބުންޏެވެ.

ޖިމް ގާއިމުކޮށް ނިމުނު ހަތް ރަށަކީ؛

  • އއ. ފެރިދޫ
  • އއ. އުކުޅަސް
  • އދ. ދިގުރަށް
  • އދ. ފެންފުށި
  • އދ. މާމިގިލި
  • އދ. މަންދޫ
  • ބ. ގޮއިދޫ

އަމާޒަކީ މުސްތަގުބަލުގައި ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖުތަމައަށް ފައިދާ ހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުން ކަމަށް އެޗްޑީސީން ބުނެއެވެ. ކުންފުނިން މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފައި ކަމަށް އެޗްޑީސީން ބުންޏެވެ.