އިޓަލިއަން ސެރެއާ އޭގެ އެންމެ ވަރުގަދަ ކްލަބު، ޔުވެންޓަސްގެ ކޯޗުކަމުގައި ހުރި އިޓަލީގެ އަންދްރޭއާ ޕިރްލޯ އެ މަގާމުން ވަކިކޮށް، ކުރިންވެސް އެ ކްލަބަށް ކޯޗުކަން ކޮށްދިން މެސިމޯ އަލެގްރީ ގެންދަން ނިންމައިފިއެވެ.
މިދިޔަ ސީޒަނަށް ކްލަބާ ހަވާލުވި ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމުން ވަކި ކޮށްފައި ވަނީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ނުވަ އަހަރަށްފަހު ޔުވެންޓަސްއަށް އިޓަލީގެ ލީގު ގެއްލިފައިވާ އިރު، ގަދަ ހަތަރަކަށް އެރުނީވެސް ހަމަ ކިރިޔާއެވެ. ޕިރްލޯގެ ކޯޗުކަމުގައި އިޓާލިއަން ސުޕަ ކަޕް ޔުވެންޓަސް އިން ކާމިޔާބު ކުރި ނަމަވެސް ޗެމްޕިއަންސް ލީގުގައިވެސް އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
ދާދި ފަހުން ކުޅުން ހުއްޓާލި ޕިރްލޯ ޔުވެންޓަސްއާ ހަވާލުވީ އެޓީމުގެ 23 އަހަރުން ދަށުގެ ޓީމުގައި ކުޑަ ދުވަސް ކޮޅެއްގައި މަސައްކަތް ކުރުމަށް ފަހުގައެވެ. އޭނާއަކީ ޔޫރަޕްގެ އެންމެ މަތީ ފަންތީގައި މޮޅަށް ކުޅުނު މިޑްފީލްޑަރެއް ނަމަވެސް އެކަށީގެންވާ ކޯޗިން ތަޖުރިބާއެއް އަދި ކޮށްފައެއް ނުވެއެވެ.
ޔުވެންޓަސް އިން އަލެގްރީ ގެންދަން އެއްބަސްވެ، އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އިތުބާރު ހުރި ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ކުރިންވެސް ޔުވެންޓަސް އަށް ކޯޗުކަން ކޮށްދިން އަލެގްރީ އެ ކްލަބުން ވަކިވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ޓީމަކާ ހަވާލެއް ނުވެއެވެ. ކުރިން އޭސީ މިލާނަށް ވެސް ކޯޗު ކޮށްދިން އަލެގްރީ އަށް ކޯޗިން ވަޒީފާއެއް ނެތި ހޭދަ ކުރި މި ދެ އަހަރު ގިނަ ޓީމުތަކެއްގެ ހުށަހެޅުން ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ޗެލްސީ އާއި އާސެނަލް ހިމެނެއެވެ.
ފަސް އަހަރު ޔުވެންޓަސްގެ ކޯޗުކަން ކުރި އިރު، އަލެގްރީ ވަނީ އެ ޓީމާއެކު އެގާރަ ތަށި އުފުލާލައިފައެވެ. އޭގެ ތެެރެއިން ފަސް ތައްޓަކީ އިޓާލިއަން ލީގެވެ. އަލެގްރީގެ ކޯޗުކަމުގައި ޔުވެންޓަސް ވަނީ ދެ ފަަަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފައެވެ. އެއީ 2015 އާއި 2017 ވަނަ އަހަރުއެވެ.