ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލެ ފޭސް އެކެއްގެ ޕްލޮޓް ނަންބަރު S1/4 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި އެ ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ވާޗުއަލްކޮށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސް.ޖޭ ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވައިލެވުނު ޕްރޮޖެކްޓެކެވެ. ޖުމުލަ 26,969.06 އަކަފޫޓޫ ހުންނަ މި ބިމުގައި 103 ޔުނިޓް އިމާރާތް ކުރެވިގެންދާނެއެވެ. މީގެ ތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައި ވާ ގޮތުން ޕްރައިޒް ކެޕް ކުރެވި އެއްމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް ޖީ.އެސް.ޓީ ނުލައި 1987.23 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. އަދި ބާކީ 42 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓުތަކެވެ.

މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ގާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫއުތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމުގައި އެޗްޑީސީން ބުންޏެވެ.

މި މަޝްރޫއު ޑީޓެއިލް ޑްރޮވިން އެޕްރޫވް ވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖައްސާފައެވެ.