ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ގަބޫލުފުޅު ކުރައްވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އިއްޔެ ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައި ބައެއް ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް މީޑިއާއާ ހިއްސާކުރައްވަމުން ޒޫމް މެދުވެރިކުރައްވައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ، އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ގެދޮރުވެރިކަމުގެ ވާހަކަ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ގިނަ މަޝްވަރާތަކެއް ކުރެއްވި ކަަމަށް ވިދާޅުވި އެވެ.
މޭޔަރު މުއިއްޒުގެ ވަޒީރުކަމުގައި ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓްތަކަށް އަލިއަޅުވާލައްވަމުން މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން 8،500ރ އަކީ އެފޯޑަބަލް އަގެއް ނޫނޭ. އެންމެ ކުޑަވެގެން 5،600 ނޫނީ 6،000 އަށް ކުޑަކޮށްދިނުމަށް. ރައީސްވެސް ގަބޫލުފުޅު ކުރައްވާ އެތަނުގެ ކުލި ބޮޑުކަމަށް." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުލީގެ ކަންކަމާމެދު ސިޓީ ކައުންސިލާއި އެޗްޑީސީ ހިމެނޭހެން މަޝްވަރާތަކެއް ކުރައްވައި، އެކަމަށް އޮތް އެންމެ ރަނގަޅު ގޮތް ނިންމަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ބައްދަލުވުމުގައި، ގުޅިފަޅަކީ ގެދޮރުވެރިކަމުގެ ސިޓީއަކަށް ހެދުމަށް މަޝްވަރާ ކުރެވުނު ކަމަށާއި ޕޯޓް ތިލަފުށްޓަށް ބަދަލު ކުރުމުގެ މަޝްވަރާތައްވެސް ކުރެވުނު ކަމަށެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ކަންކަން ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަޝްވަރާތައްވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު