އަހަރު ނިމޭއިރު ބަޖެޓުގެ ދަރަނި އަންދާޒާ ކުރި ވަރަށްވުރެ ކުޑަ ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގެ އާމްދަނީގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު މިއަހަރު ނިމޭއިރު ބަޖެޓުގެ ދަރަނި އަންދާޒާކުރި ވަރަށް ވުރެ ކުޑަވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަހަރު ނިމޭއިރު މިހާރު ބަޖެޓުގައި ހުރި ޑެފިސިޓަށް ވުރެ ކުޑަކޮށް މެނޭޖު ކުރެވޭނެ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ދަރަނި ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އެކަމުގެ ސަބަބުންވެސް ބަޖެޓުގެ ދަރަނި ކުޑަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ ފޯކަސް ހުރީ ކޮންސެޝަނަލް ލޯނުތައް ނަގައި އެތެރޭގެ އިންސިޓިއުޓްތަކުން ފައިނޭންސް ހޯދައި ރާއްޖޭގެ އެެތެރޭގެ އިގުތިސޯދު ކުރިއެރުވުމަށް ކަމަށެވެ.