އެންމެ އަވަހަށް އިގުތިސޯދު ހަމަޔަކަށް އެޅޭ އެއް ގައުމަކީ ރާއްޖެ ކަމަށް ބޭރުގެ މާހިރުން ވިދާޅުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށްވެސް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތުން ބައެއް ގައުމުތައް އަރައިގަންނަމުން އަންނައިރު އެންމެ އަވަހަށް އިގުތިސޯދު ހަމައަކަށް އެޅޭ އެއް ގައުމަކީ ރާއްޖެ ކަމަށް ބޭރުގެ މާހިރުން ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބޭރުގެ ފައިނޭންސިއަލް އިންސިޓިއުޓްތަކާއި ބޭރުގެ މާހިރުންވެސް އެބަ ގަބޫލު ކުރޭ ރާއްޖެއަކީ އެންމެ އަވަހަށް އިގުތިސޯދު ހަމައަކަށް އެޅެމުން އަންނަ އެއް ގައުމުކަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަނީ ކޮވިޑް މެނޭޖުކުރުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކާއި އިގުތިސޯދީ ހާލަތު މެނޭޖުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖަހައި ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަކީ އިގުތިސޯދު ކުރިއަރަން މެދުވެރިވި ސަބަބެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަންވެސް ކުރިއަރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުންވެސް ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށެވެ.