މިހާރު އަންދާޒާކުރެވޭ ގޮތުގައި މިއަހަރު އިންފްލޭޝަން ރޭޓް ހުންނާނީ 2.3 އާއި 2.5 އިންސައްތައާ ދެމެދުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު އޭޕްރިލް މަހުން ފެށިގެން ރާއްޖޭގެ އަގުތައް ދިޔައީ ދަށަށް ކަމަށާއި މިއަހަރުގެ ފުރަތަމަ ތިން މަހުވެސް އަގުތައް ވަނީ ދަށަށް ގޮސްފައި ކަމަށެވެ. އަގުތައް ދަށަށް ދިޔަ މައިގަނޑު ސަބަބުތަކަކީ ތިން މަހުގެ ކަރަންޓު ޑިސްކައުންޓާއި ދެ މަހުގެ ފެނުގެ ޑިސްކައުންޓާއި ލޯން މޮރޮޓޯރިއަމްގެ ސަބަބުން ކުލި ކުޑަވުމާއި ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ރޯދަމަސް ތެރޭގައި ކޮންޓްރޯލް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަންގެ ބޮޑު ބަޔަކީ އިމްޕޯޓެޑް އިންފްލޭޝަނަށްވުމުން ދުނިޔޭގެ ބާޒާރުގައި ތަކެތި އަގުހެޔޮ ވުމުން ރާއްޖޭގެ އިންފްލޭޝަން ވެސް ދަށްވާ ކަމަށެވެ.

"2021 ވަނަ އަހަރު އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރެވެނީ 2.3 އިންސައްތަ އާއި 2.5 އާއި ދެމެދުގެ އަދަދަކަށް. 2021 ވަނަ އަހަރު އިންފްލޭޝަން މަތި ވާނެ އެއް ސަބަބަކީ 2020 ވަނަ އަހަރުގެ ބޭސް އިފެކްޓްގެ ސަބަބުން އަންނަ އިންފްލޭޝަން. 2022 ވަނަ އަހަރުން ފެށިގެން މެދުރާސްތާގައި އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރެވެނީ ދެ އިންސައްތަ އަށްވެރު ދަށްކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު އިގުތިސާދު ދަށަށް ދިޔަ ކަމަށް ލަފާކުރެވުނީ 29.3 އާއި 27.5 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކަމަށާއި މިދިޔަ އަހަރު ބަޖެޓް ތައްޔާރުކުރި އިރު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އޭރު ލަފާކުރެވުނު އަދަދަށް ބިނާކޮށް ޖީޑީޕީ އިތުރުވާނެކަމަށް ބެލެވުނީ 13.5 ޕަސެންޓަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން މިއަހަރު ފަތުރުވެރިކަމުގެ ދާއިރާ ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ކުރިއަރާފައިވާ ކަމަށާއި އެހެންކަމުން އިގުތިސޯދީ ދުވެލި 13.5 ޕަސެންޓާއި 34.1 ޕަސެންޓާ ދެމެދުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެންމެ ބޮޑަށް އިގުތިސޯދު ކުރިއަރާނީ 22.7 ޕަސެންޓަށް ކަމަށްވެސް ވިދާޅުވިއެވެ.