ކޮވިޑާ ގުޅިގެން ދިން ލުއިތަކާއި ލޯނުތަކުގެ ސަބަބުން އިގުތިސޯދު އަވަހަށް ހަމަޔަކަށް އެޅުމަށް ބާރަކަށް ވަނީ ވެފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަންދާޒާ ކުރި ވަރަށްވުރެ ބޮޑަށް އިގުތިސޯދު ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރު އިގުތިސާދު ރަނގަޅުވި ސަބަބުތަކަކީ ވެކްސިން ލިބެން ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަން ފެށުން ކަމަށް ވިދާޅުވިއެވެ.
"2021 ވަނަ އަހަރު އިގުތިސާދު ރަނގަޅުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ވެކްސިން ލިބެން ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަން ފެށުން. ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖާއި އިކޮނަމިކް ސްޓިމިއުލަސް ލޯނުތަކުން 2021 އިގުތިސާދު އަލުންކުރިއެރުމަށް މަގުފަހިކޮށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ފަހުކޮޅުގައި ރިސެޝަނުން އެކީ އަރައިގަނެވި 2019 ވަނަ އަހަރުގެ ޖީޑީޕީ ހުރި މިންވަރަށް ޖީޑީޕީ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު އިގުތިސާދު ދަށަށް ދިޔަ ކަމަށް ލަފާކުރެވުނީ 27 ޕަސެންޓާއި 29 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކަމަށެވެ. އަދި 2020 ވަނަ އަހަރު ބަޖެޓް ތައްޔާރުކުރި އިރު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އޭރު ލަފާކުރެވުނު އަދަދަށް ބިނާކޮށް ޖީޑީޕީ އިތުރުވާނެކަމަށް ބެލެވުނީ 13.5 ޕަސެންޓަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން މިއަހަރުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އެހެންކަމުން އިގުތިސާދީ ދުވެލި 13.5 އާއި 34.1 ޕަސެންޓާ ދެމެދުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ބޮޑަށް އިގުތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 22.7 ޕަސެންޓަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު