ކުރީން އަންދާޒާ ކުރި ވަރަށް ވުރެ ބާރަށް އިގުތިސޯދީ ދުވެލި ކުރިއަރާނެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު އިގުތިސާދު ދަށަށް ދިޔަ ކަމަށް ލަފާކުރެވުނީ 27 ޕަސެންޓާއި 29 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކަމަށެވެ. އަދި 2020 ވަނަ އަހަރު ބަޖެޓް ތައްޔާރުކުރި އިރު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އޭރު ލަފާކުރެވުނު އަދަދަށް ބިނާކޮށް ޖީޑީޕީ އިތުރުވާނެ ކަމަށް ބެލެވުނީ 13.5 ޕަސެންޓަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން މިއަހަރުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އެހެންކަމުން އިގުތިސާދީ ދުވެލި 13.5 އާއި 34.1 ޕަސެންޓާ ދެމެދުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ބޮޑަށް ބެލެވެނީ އިގުތިސާދު ކުރިއަރާނީ 22.7 އިންސައްތައިން ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު އިގުތިސާދު ރަނގަޅުވި ސަބަބުތަކަކީ ވެކްސިން ލިބެން ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަން ފެށުން ކަމަށެވެ. އަދި ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖާއި އިކޮނަމިކް ސްޓިމިއުލަސް ލޯނުތަކުން މިއަހަރުގެ އިގުތިސޯދު އަލުން ކުރިއެރުމަށް މަގުފަހިކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ފަހުކޮޅުގައި ރިސެޝަނުން އެކީ އަރައިގަނެވި 2019 ވަނަ އަހަރުގެ ޖީޑީޕީ ހުރި މިންވަރަށް ޖީޑީޕީ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު