މާލޭގެ ގެއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 32 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ އަލިފާނުގެ ހާދިސާގައި ރޯވެ، މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި ވަނީ ދެ އިމާރާތަކަށް ހަދާފައި ހުންނަ މޯނިން ވިއުގޭގެ ހުޅަނގު ފަރާތުގައި ހުންނަ ތިން ބުރީގެ އިމާރާތް ކަމަށެވެ. ނަމަވެސް އަލިފާނުގެ އަސަރު ފޯރާތީ، އިރުމަތީ ފަރާތުގައި ހުރި އިމާރާތުންވެސް މީހުން ހުސްކުރި ކަމަށް ބުންޏެވެ.

އެގޮތުން ގިޔާސުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ އިވެކުއޭޝަން ސެންޓަރަށް 56 މީހަކު ރޭ ގެންދިޔަ ކަމަށާއި އެމީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 17 ކުޑަކުދިން ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ނަމަވެސް އިރުމަތީ ފަރާތުގައި ހުރި ގެއަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާތީ އެގޭގައި ދިރިއުޅޭ 24 މީހަކު އަނބުރާ ގެއަށް ބަދަލުވުމުގެ ހުއްދަ ވަނީ ދީފައެވެ.

އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން "ވަން" އަށް މިއަދު ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ހަތް ގެސްޓްހައުސް އަކުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައި ވަނީ މޯނިން ވިއުގޭގެ ހުޅަނގު ފަރާތުގައި ހުންނަ އިމާރާތުގައި ދިރިއުޅޭ 32 މީހަކަށް ކަމަށެވެ. އެމީހުންގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭ އިރު، އެންމެ ހަގު ކުއްޖާގެ އުމުރަކީ 20 ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ގޭގައި ދިރިއުޅޭ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، އެޗްޕީއޭގެ އިރުޝާދާއެކު އެ މީހުން ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ހިސާން ވިދާޅުވިއެވެ.

އެންޑީއެމްއޭ އިން ބުނީ ހާލުގައި ޖެހުނު މީހުންނަށް ކުރިއަށް އޮތް ތިން ދުވަހަށް ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް ދުވާލަކަށް 200 ރުފިޔާ އަދި ޒަރޫރީ އަންނައުނު ގަތުމަށް 1500 ރުފިޔާ ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ ނެޕީ، ކިރުފަދަ ފަދަ ތަކެއްޗާއި ސައިބޯންޏާއި ޝޭމްޕޫ ފަދަ ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ.

އެ އޮތޯރިޓީން އިތުރަށް ބުނީ، ކުރިއަށް އޮތް ހަފުތާ ތެރޭގައި އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު އެންޑީއެމްއޭ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.