އިންޓަނެޓުގެ އަގު ހެޔޮކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމުގެ މަތީން މި ގެނައި ބަދަލުތަކަށް ދިރާގުން މަރުހަބާ ކިޔާ ކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެ އެވެ.

އިންޓަނެޓުގެ އަގަށް ގެނައި ބަދަކު އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ދިރާގުން ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ދިރާގަކީ އަބަދުވެސް ސަރުކާރުގެ ނިންމުންތަކާ ސިޔާސަތުތަކަށް ފުރިހަމައަށް ތާއިދުކުރާ ކުންފުންޏެއް ކަމަށާއި އިންޓަނެޓު އަގު ހެެޔޮކުރުމަށް ރައީސް އޮފީހާ އަދި އެހެނިހެން ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދިޔަ ހުރިހާ މަޝްވަރާ ބައްދަލުވުންތަކެއްގައި ބައިވެރިވަޑައިގެން އެއްބާރުލުން ދެއްވާފައި ވާނެ ކަމަށެެެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އިންޓަނެޓަކީ އެންމެ މުހިންމު އެއް ވަސީލަތް ކަމަށާއި އިންޓަނެޓުގެ ހިދުމަތް ވަނީ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅި ލާމެހިފައި ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

ސަރުކާރުން އިންޓަނެޓަށް ގެނައި ބަދަލާއެކު އަންނަ ޖުލައި މަހުން ފެށިގެން ރެސިޑެންޝިއަލް ނުވަތަ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ތިން އަގެއް ވަނީ ކަނޑައަޅައިފައެވެ.

އެއީ 250 ރުފިޔާއަށް 5 އެމްބީޕީއެސްގެ ސްޕީޑުގައި 30 ޖީބީ ލިބޭ ޕެކޭޖަކާއި 500 ރުފިޔާއަށް 15 އެމްބީޕީއެސްގެ ސްޕީޑުގައި 100 ޖީބީ ލިބޭ ޕެކޭޖެއް އަދި 750 ރުފިޔާއަށް 25 އެމްބީޕީއެސްގެ ސްޕީޑުގައި 200 ޖީބީ ލިބޭ ޕެކޭޖެކެވެ.

މި ތިން އަގުގެ ތެރެއިން 5 އެމްބީޕީއެސް ސްޕީޑު ލިބޭ ޕެކޭޖުގެ ތްރޮޓަލް ސްޕީޑު ނުވަތަ އެންމެ ދަށް ސްޕީޑަކީ ދެ އެމްބީޕީއެސްއެވެ. އަނެއް ދެ ޕެކޭޖުގެ ތްރޮޓަލް ސްޕީޑަކީ ފަސް އެމްބީޕީއެސްއެވެ.

މި ބަދަލާއެކު އިންޓަނެޓު ޕެކޭޖުތަކުގެ ތްރޮޓަލް ސްޕީޑު މިވަނީ ދެގުނަ އަދި ފަސް ގުނަ މަތިވެފައެވެ. މިހާރު ޖުމުލަ ގޮތެއްގައި ތްރޮޓަލް ސްޕީޑަކީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސްއާ ދެމެދެވެ.