ގޭގެއަށް ދެވޭ ނެޓުގެ އަގު އެކަށީގެންވާ މިންވަރަކަށް ހެޔޮވެގެން ދާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ މިި ސަރުކާރުގެ ވައުދެކެވެ.
"ނެޓް ހެޔޮ" ގެ ނަމުގައި މި ގެނައި ބަދަލާ އެކު ގޭގެއަށްދޭ ބްރޯޑްބޭންޑް އިންޓަނެޓުގެ އަގު ވަނީ 30 ޕަސެންޓާއި ހަމަޔަށް ކުޑަ ކޮށްފަ އެވެ. ނަމަވެސް ހެޔޮއަގު ލިބެން ފަށާނީ ޖުލައި މަހުން ފެށިގެން ކަމަށް މިނިސްޓަރު ޝައުނާ ވަނީ ވިދާޅުވެފަ އެވެ. އަދި މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައިވާނީ އޮކްޓޯބަރު މަހުން ފެށިގެން ކަމށްވެސް ވވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ އިންޓަނެޓުގެ ހިދުމަތަކީ މިއަދު އަސާސީ ހިދުމަތެއް ކަމަށާއި، ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރީ އެހެން ވެގެން ކަމަށެވެ. އަދި މި ބަދަލު ގެނެސްފައިވަނީ މި ހިދުމަތްދޭ އުރީދޫ އާއި ދިރާގުގެ ބޮޑު އެއްބާރުލުމަކާ އެކުގައި ކަމަށާއި އެކަމަށްޓަކައި އެ ދެ ކުންފުންޏަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއް އިންޓަނެޓަށް ބަރޯސާ ވެފައިވާ ކަން ފާހަގަ ކުރައްވަމުން ޝައުނާ ވިދާޅުވީ މި ބަދަލުތަކުގެ އިތުރަށް ވެސް ހިދުމަތް ހޯދާ ފަރާތްތަކަށް މިއަށްވުރެ އެކަށޭނަ އަގުތަކެއްގައި ހިދުމަތް ދިނުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ހޯދުމަށް ސަވިސް ޕްރޮވައިޑަރުންނާ އެކު ވަނީ އެއްބަސްވެފަ އިވާ ކަމަށެވެ. އިންޓަނެޓްގެ ހިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.