މައްޗަންގޮޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ހިފާފައިވަނީ މައްޗަންގޮޅި މޯނިންވިއު ގޭގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 5:00 ހާއިރު ކަމަށާއި އަލިފާން ނިއްވުމުގައި ފަޔާ އެންޑް ރެސްކިޔު އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހެނދުނު 06:00 އެހައި އިރު ވަނީ އަލިފާންގަނޑު ކޮންޓްރޯލު ކޮށްފަ އެވެ.

އަލިފާން އިތުރަށް ރޯވޭތޯ ބެލުމަށް ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

އަލިފާން ރޯވި ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

އަލިފާން ރޯވި ގެ ހުރި ސަރަހައްދަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޑައިގެން އެ ގޭގެ މީހުންނާއި އެ ސަރަހައްދުގެ ބައެއް އާންމުންނާ ބައްދަލު ކުރައްވައި ހާލު އޮޅުން ފިލުއްވައިފަ އެވެ.

މޯނިންވިއުގައި އަލިފާނުގެ ހާދިސާ ހިނގި އިރު ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި އަލިފާން ރޯވުމާއެކު ސަލާމަތްވުމަށް އެ މީހުން ބޭރަށް ނިކުންނަން އުޅުމުގެ ތެރޭގައި ކުދި އަނިޔާތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް ބޮޑެތި ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ބުންޏެވެ.

އަލިފާން ރޯވި ސަބަބު މިހާތަނަށް އެނގިފައެއް ނުވެ އެވެ.