މަޝްހޫރު ތުރިލާ ސީރީޒް ''މަނީ ހައިސްޓް 5'' ގެނެސްދޭނެ ދުވަސްތަކާއި ޓީޒާ ނެޓްފްލިކްސުން އާންމުކޮށްފިއެވެ.
މަނީ ހައިސްޓުގެ ވަދާއީ ސީޒަން ގެނެސްދޭނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައި ސްޓްރީމް ކުރާނީ ސެޕްޓެމްބަރު ތިން ވަނަ ދުވަހު އެވެ. ދެވަނަ ބައި ސްޓްރީމް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރުގެ ތިން ވަނަ ދުވަހުއެވެ.
މަނީ ހައިސްޓުގެ ވާހަކަ ބިނާ ވަނީ ބޭންކެއް ލޫޓުވައިލުމުގެ މަގުސަދުގައި އެކުލަވާލާ ޕްލޭނެއްގެ މައްޗަށެވެ. ''ޕްރޮފެސަރު''ގެ ގޮތުގައި މީހަކު އިސް ވެ މިކަމަށް އަށް މީހުންގެ ގުރޫޕެއް އެކުލަވާލައި އެމީހުންނަށް ސިޓީތަކުގެ ނަމުން ކޯޑު ނަންތަކެއް ބޭނުންކުރެއެވެ.
އެގޮތުން ފުރަތަމަ ޕްލޭނުގައި ބޭންކަކުން 2.4 ބިލިއަން ޔޫރޯ ވަގަށް ނަގައެވެ. އަދި ޕްލޭނުގެ ދަށުން ފައިސާތައް ލޫޓުވައި ފުލުހުންނާ ކުރިމަތިލައި ސަލާމަތް ވުމަށް 11 ދުވަސް ވަންދެން ބޭންކުގެ އެތެރޭގައި މީހުން ރަހީނު ކޮށްގެން އުޅެއެވެ. ފުރަތަމަ ރޭވުން ކާމިޔާބުކޮށް ލިބުނު ކުރިއެރުމަށްފަހު މީގެ ދެވަނަ ރޭވުމެއް އެކުލަވާލައި ދެވަނައަށް ބޭންކް އޮފް ސްޕޭން ލޫޓުވައިލުމުގެ މަސައްކަތް ފަށައެވެ.
ނަމަވެސް ސީޒަން 4 ނިމިގެން ދާއިރު ބޭންކު އޮފް ސްޕޭން ލޫޓުވައި، މީހުންތައް ރަހީނު ކޮށްގެން އުޅޭއިރު އެތެރޭގައި ކަންކަން ގޯހުން ގޯހަށް ދާން ފަށާތަން ވަނީ ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ގޭންގުގެ މައިގަނޑު އެއް ކެރެކްޓާ ކަމަށްވާ ނައިރޯބީ މަރުވުން ފާހަގަ ކޮށްލެވެއެވެ.
މަނީ ހެއިސްޓް (ސްޕޭނުން ނަމަ ލަ ކާސާ ޑި ޕާޕެލް) ދުނިޔޭގެ މަގުބޫލު ޝޯއަކަށް ވެގެންދިޔައީ 2017 ވަނަ އަހަރު ނެޓްފްލިކްސަށް އައި ހިސާބުންނެވެ. މި ޝޯގެ ފުރަތަމަ ދެ ސީޒަން މަޝްހޫރު ވެގެން ދިޔަ ނަމަވެސް، ސްޕޭނުގައި އެ ދެސީޒަނަށް މާބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައެއް ނުވެއެވެ. އޭރު ޝޯ އުފެއްދި ސްޕެނިޝް ޓެވެލެވިޒަން ޗެނަލް އެންޓަނާ ތިނަކަށް ޝޯގެ މަގުބޫލުކަން ކުޑަވުމުގެ ސަބަބުން ގެއްލުން ވެ ހުއްޓާލަން ނިންމާ ހިސާބަށް ދިޔައެވެ.
ނަމަވެސް އެ އަހަރުގެ ޑިސެމްބަރުން ފެށިގެން ނެޓްފްލިކްސްގައި ދައްކަން ފެށި ހިސާބުން މި ސީރީޒަށް ބެލުންތެރިންގެ ސަމާލުކަން ލިބެން ފެށިއެވެ. އެއަށްފަހު އިތުރު ދެ ސީޒަން އުފެއްދުމަށް ނިންމައި 2020 ވަނަ އަހަރުގެ އޭޕްރިލް ތިން ވަނަ ދުވަހު މަނީ ހެއިސްޓްގެ ހަތަރުވަނަ ސީޒަން ނެޓްފްލިކްސްގައި ރިލީސްކުރިއެވެ. އޭގެ ފަސްވަނަ ސީޒަނެއް ނުކުންނާނެތޯ ފޭނުން އިންތިޒާރު ކުރަމުން ދަނިކޮށް އެއަހަރުގެ ޖުލައިމަހު ނެޓްފްލިކްސުން ވަނީ ދެން ނުކުންނާނީ މަނީ ހެއިސްޓްގެ އެންމެ ފަހު ސީޒަން ކަމުގައި އިއުލާނުކޮށްފައެވެ.
މައިގަނޑު ގޮތެއްގައި ސްޕެއިންގެ މެޑްރިޑުގައި މަންޒަރުތައް ކުޅެފައިވާ މަނީ ހެއިސްޓުގެ ތިންވަނަ އަދި ހަތަރުވަނަ ބައިގެ ބައެއް މަންޒަރުތައް ޕެނަމާ، ތައިލެންޑު އަދި އިޓަލީގައި ނަގާފައިވެއެވެ.
މި ޝޯ އަށް ބެސްޓް ޑްރާމާ ސީރީސްގެ އެމީ އެވޯޑު ވަނީ ލިބިފައެވެ. ޝޯގެ ޓައިޓަލް ލަވަ ''ބެލަ ޗާއޯ'' 2018 ވަނަ އަހަރު ޔޫރަޕުގައި ހިޓަކަށް ވެފައިވާއިރު އެ އަހަރު މި ސީރީސް ވެގެން ގޮސްފައިވަނީ ނެޓްފްލިކްސްގައި އިނގިރޭސި ނޫން ސީރީސްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި ސީރީޒަށެވެ. މަނީ ހެއިސްޓަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ޝޯއެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން