ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ވިލަރެއާލުން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިއެވެ.

މިރޭ ޕޮލެންޑްގެ ސްޓޭޑިއޮން އޭނާގާ ޑަރެސްޓްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 30 މިނެޓް ކުޅުންވެސް ހަމަވިއިރު ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފައެވެ. ޕެނަލްޓީގައި ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 10-11 އިންނެވެ. ކޮންމެ ޓީމަކުންވެސް ފުރަތަމަ ޖެހި 10 ޕެނެލްޓީ ކާމިޔާބުކުރި އިރު، 11 ވަނަ ޕެނެލްޓީ ދެޓީމުންވެސް ޖެހީ ގޯލްކީޕަރެވެ. ވިލަރޭއާލްގެ ގޯލްކީޕަރު ގެރެނޯމިނޯ ރުލީ ޖެހި ޕެނެލްޓީ ވެއްދި ނަމަވެސް ޔުނައިޓެޑްގެ 11 ވަނަ ޕެނެލްޓީ ޖަހަން ދިޔަ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ޖެހި ޕެނެލްޓީ ރުލީ ވަނީ މަތަކޮށްފައެވެ.

މިރޭގެ މެޗަކީ ވިލަރެއާލުން ނުކުތް ޔޫރޮޕާ ލީގުގެ ފުރަތަމަ ފައިނަލެވެ. އެޓީމުން އަލަށް ޔޫރޮޕާގެ ފައިނަލަކަށް ނުކުތް ނަމަވެސް އެޓީމުގެ ކޯޗު އުނައި އެމެރީއަކީ މުބާރާތުގެ ފައިނަލަށް އާ ކޯޗެއް ނޫނެވެ. ސެވިއްޔާއާއެކު ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށް އެ މުބާރާތުގެ ތާރީހުގައިވެސް އެމެރީގެ ނަން ރަން އަކުރުން ލިޔެވިފައިވާ އިރު، ޔުނައިޓެޑުން މިރޭ ނުކުތީ އެޓީމުގެ ދެވަނަ ޔޫރޮޕާ ލީގު ފައިނަލަށެވެ.

ޖޯސޭ މޮރީނިއޯއާއެކު ޔުނައިޓެޑުން 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ އިރު، އެޓީމަށް މިރޭގެ މެޗު މުހިއްމުވީ ރަނގަޅު ސީޒަނަކަށް ތައްޓެއް އިތުރުކޮށްލުމަށެވެ. ޕްރިމިއާ ލީގުގެ ދެވަނައިގައި ޔުނައިޓެޑުން މި ސީޒަން ނިންމާލާފައިވާ އިރު، މިރޭގެ ފައިނަލް އެޓީމަށް މުހިއްމުވީ ހިތްވަރަކަށެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް އެޓީމުގެ ކެޕްޓަން ހެރީ މެގުއާ ނުލައި ނުކުތް އިރު، އޭނާ ނެތްތަން ފޫބައްދަން ނުކުތީ އެރިކް ބެއިލީއެވެ. އޭނާގެ ފަރާތުން މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ހަމަލާތައް މަދުކޮށް މެޗު ފެނިގެން ދިޔަ އިރު، ފުރަތަމަ ކޮޅުގައި ނުރައްކާ ކުރީ ޔުނައިޓެޑުންނެވެ. ފޯވަޑް ލައިނަށް ކުޅެމުންދިޔަ ގްރީންވުޑާއި އެޑިސަން ކަވާނީގެ ނުރައްކާ ފެނިގެންދިޔަ އިރު، މާކަސް ރަޝްފޯޑް ފެނުނީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. މެޗުގެ ފަހުކޮޅުގައި ރަޝްފޯޑަށް އަނިޔާވެ އޭނާ ބާލަންވެސް ޖެހިފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖެރާޑް މޮރޭނޯ ޖެހި ގޯލުން ވިލަރެއާލް ވަނީ ލީޑު ނަގައިފައެވެ. އެޓީމުން ލީޑު ނަގައިގެން ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. ކަވާނީގެ ގޯލާއެކު އުންމީދު އާކޮށް ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރިއެވެ. ކުރިއަށް ޖެހި އެޓޭކް ކުރި ނަމަވެސް އެޓީމަށް އިތުރު ގޯލެއް ޖެހޭނެ ގޮތެއް ނުވިއެވެ.

ޕެނެލްޓީއަށް ގޮސް ވިލަރެއާލުން ޔުނައިޓެޑް ބަލިކުރި އިރު، މިއީ އެ ކްލަބުގެ ތާރީހުގައި ލިބުނު ފުރަތަމަ ޔޫރޮޕިއަން ތައްޓެވެ. ކޯޗު އެމެރީ މިހާރު ވަނީ ހަތަރު ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް އެމެރީ ވަނީ ޔޫރޮޕާ ލީގު ފައިނަލަށް ދިޔަ ކޮންމެ ފަހަރަކު މުބާރާތް ކާމިޔާބުކޮށްފައެވެ.