ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.

ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒިދާން މިވަގުތުން ފެށިގެން ކްލަބުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ކަމަށް އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ ޔަގީން ކޮށްދީފައެވެ. ޒިދާން އެ މަގާމު ދޫކޮށްލަން ނިންމި ވަކި ސަބަބެއް އަދި ހިއްސާ ކޮށްފައިނުވާ އިރު، ބެލެވޭ ގޮތުގައި ރެއާލްގެ ކޯޗުކަމުން ޒިދާން ވަކިވެފައިވަނީ މި ސީޒަން ހުސްއަތާ ނިންމާލަން ޖެހުމުންނެވެ.

ޓްރާންސްފާއެއް ނުކޮށް ރެއާލްއާއެކު ޒިދާން ސީޒަނަށް ނުކުމެފައިވާ އިރު، މުހިއްމު ކުޅުންތެރިންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތާއެކުވެސް ޒިދާން ވަނީ ރެއާލްއާއެކު ކުރިއެރުންތަކެއް ހޯދައިފައެވެ. ލީގުގެ ދެވަނަ މަގާމުގައި ސީޒަން ނިންމާލި އިރު، ޒިދާން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ވެސް ރެއާލް ގެންގޮސްދީފައެވެ.

މީގެ ކުރިންވެސް ރެއާލްއަށް ކޯޗުކޮށްދީ، ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށްފަހު ޒިދާން ވަނީ މަގާމުން އެއްފަރާތް ވެލައިފައެވެ. އޭނާ އަލުން މިފަހަރު ކުލަބާ ހަވާލުވީ 19-2018 ވަނަ އަހަރުގެ ސީޒަންގެ ފަހުކޮޅުގައެވެ.

ރެއާލްއިން މިދިޔަ ސީޒަންގެ ލަލީލާ ޒިދާންއާއެކު ކާމިޔާބު ކޮށްފައިވާ އިރު، ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދުމަކީ ރެއާލްގެ ތާރީހުގައިވެސް އެ ކްލަބުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޒިދާން ރެއާލްގެ ކޯޗުކަން ދޫކޮށްލަން ބޭނުންވަނީ ސިކުނޑި ހަމަޖައްސާލައި ވަރުބަލިކަން ފިލުވައިލަން ދުވަސްކޮޅެއް ބޭނުންވާތީއެވެ.

އޭގެ އިތުރުން ދެން ޒިދާނަށް އޮތް ފުރުސަތަކީ ޔުވެންޓަސްގެ ކޯޗުކަން ކަމަށްވެސް ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަންދްރޭ ޕިރްލޯއާއެކު ޔުވެންޓަސްއިން ނާކާމިޔާބު ސީޒަނެއް ނިންމާލާފައިވާ އިރު، ގިނަ ބަޔަކު ބުނަނީ ޔުވެންޓަސްއިން ޒިދާން ގެންދަން ބޭނުންވާ ކަމަށެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ޒިދާން ހޭދަކޮށްފައިވާ އިރު، ޔުވެންޓަސްއިން މިހާތަނަށް ރަސްމީކޮށް ބުނެފައި ވަނީ ކޯޗު ބަދަލުކުރަން މަސައްކަތް ނުކުރާ ކަމަށެވެ.