ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ވަނީ ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ނަމަވެސް، ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

"މި ފްލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައެއް ނުވޭ. ނަމަވެސް އެއްވެސް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފްލެޓުގެ ޖުމުލަ އަގުން އުނިކޮށް، މަހު ކުލި އެ އަގާ އެއްގޮތަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި ފްލެޓެއް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫއަށް ހާއްސަ ރަސްމީ ވައިބާ ޗެނަލެއް ތައާރުފުކުރުމަށް ނިންމާފައިވާ ކަމަށާއި މި ވައިބާ ޗެނަލް ވެގެންދާނީ ހިޔާ މަޝްރޫއާ ގުޅޭ އެންމެހާ މައުލޫމާތެއް ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭ ވަސީލަތަކަށް ކަމަށެވެ.

މިދިޔަ މާޗު މަހުގެ ފަހުކޮޅު ހިޔާ ފްލެޓުތައް ހަވާލުކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފްލެޓުތައް ހަވާލުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައިވާ މީހުންނަށް ލިބޭ އެޕާޓްމަންޓްތަކުގެ ގުރުނެގުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވެ، ގުރު ނެގުން ވަނީ މަޑު ޖައްސާލައިފައެވެ. ހާލަތު ރަނގަޅުވުމުން އަނެއްކާވެސް ގުރު ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.