އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކޮށް، މަގާމުގެ އިފެކްޓިވް ޑޭޓްއަކީ މިއަހަރުގެ އެކަކުން ކަމުގައި ކަނޑައަޅައިފިއެވެ.

އުރީދޫން ބުނީ, އެ ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑާޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދޭއިރު، ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ހުސައިން ނިޔާޒު އައްޔަން ކުރުމަކީ އުރީދޫން ކަނޑައްތުކޮށްފައިވާ ވަރަށް މުހިންމު މޭލުގާތެއް ކަމަށެވެ.

ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ހުސެއިން ނިޔާޒު އުރީދޫ މޯލްޑިވްސްއާ ގުޅުނީ އާރްއެންއީ ޓެކްނީޝަނެއްގެ ގޮތުގައި 2005 ވަނަ އަހަރެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރު ނެޓްވޯކް ޕްލޭނިން އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވޯކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިން ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފަ އެވެ.

ހުސައިން ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާމީން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ. އޭގެ އިތުރުން ސިންގަޕޫރުގެ ސެންޓާ ފޮ ކްރިއޭޓިވް ލީޑާޝިޕުން ލީޑާޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިން ހަދައި، އުރީދޫ ގުރޫޕުން އިންސްޓިޓިއުޓް ފޮ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް އޭނާ ފުރިހަމަކޮށްފައިވެއެވެ.

ހުސައިން ނިޔާޒަށް މަރުހަބާއެއް ކިޔައި, އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު ނަޖީބް ޚާން ވިދާޅުވީ, މީގެ 16 އަހަރު ކުރިން، ހުސެން ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި ކުންފުންޏާ ގުޅުމަށްފަހު ރާއްޖޭގައި އުރީދޫގެ ނެޓްވޯކް އެޅުމުގެ އެންމެ ފުރަތަމަ މަރުހަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް އޭނާ ކޮށްދީފައިވާ ގިނަގުނަ ހިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

"ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްގައި ކޮށްފައިވާ ދަތުރަކީ ވަރަށް އިންސްޕަޔަރިން ދަތުރެއް. އަޅުގަނޑުމެން އެންމެން އޭނާ ހޯދާފައިވާ ކުރިއެރުމާމެދު ފަހުރުވެރިވަން. ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ހުސައިން ނިޔާޒަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން," ނަޖީބު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ, އެކުންފުނި އިތުރު އާ އުސްމިންތަކަށް ވާސިލުކޮށްދީ، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން އިތުރު މޭލުގާތުތައް ކަނޑައްތުކުރުމުގައި އެހީތެރިވެދިނުމުގައި ހުސައިން ނިޔާޒު ދެމިހުންނާނެކަމުގައި އުންމީދު ކުރާ ކަމަށެވެ.