ރާއްޖޭގެ ދަރަނި އިތުރުވަމުންދާނަމަ, ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މަލީ އިދާރާތަކުން ލޯނު ހޯދަން އުނދަގޫ ވާނެ ކަމަށް ކްރެޑިޓް ރޭޓިން އެޖެންސީ, މޫޑީސް އިން ބުނެފިއެވެ.

މޫޑީސް އިން މިދިޔަ ހުކުރު ދުވަހު އާންމު ކޮށްފައިވަ ޕީރިއޮޑިކް ރިވިއުގައި ރާއްޖޭގެ "ފިސްކަލް ސްޓްރެންތު" ނުވަތަ މާލީ ގާބިލުކަމަށް ދީފައިވަނީ "ބީ1" ރޭޓިންއެވެ. މިއީ ކްރެޑިޓް ރިސްކު މަތިވުމުން ދޭ ރޭޓިން އެކެވެ.

މޫޑީސް އިން ބުނީ, އެ ރޭޓިން ދިނީ ރާއްޖޭގެ ދަރަނި ހަލުވިކަމާއެކު އިތުރުވަމުން ދިއުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި ނުވަތަ ލޯނު ހޯދަން އުނދަގޫވެ، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެތީ ކަމަށެވެ. އަދި ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ ސަބަބުންވެސް ސަރުކާރުގެ ބެލެންސް ޝީޓަށް އަސަރުތަކެއް ކުރާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 86 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުން ނަގާފައިވާ 565 ބިލިއަން ރުފިޔާގެ ލޯނާއި ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ 919 ބިލިއަން ރުފިޔާގެ ލޯނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 149 ޕަސެންޓެވެ.

ރާއްޖޭގެ އިގުތިސާދުގެ ވަރުގަދަ ކަމަށް މޫޑީސްގެ ޕީރިއޮޑިކް ރިވިއުގައި ދީފައިވަނީ "ބީއޭ3" ރޭޓިންނެވެ. މި ރޭޓިން ދީފައިވަނީ މޫޑީސް އިން ބުނި ގޮތުގައި, އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމާއި ގުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމަށް ގެއްލުންތަކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުން ކަމަށެވެ.