އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމައިފައެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަދި ޑިސިޝަނެއް އެއަކު ނުނަގަން. އެނގިވަޑައިގަންނަވާނެ އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އެބަ އޮތް ވަރަށް ގާތް ގުޅުމެއް," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަން ހުންނަ އިރު، އެ ގައުމުގެ ތުރިވަަނަންތަޕޫރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި އެހެންވެ އިންޑިއާގެ ނިންމުމާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ.
އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަރުގަދަ ވާނެ ކަމަށް އެގައުމުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު