ޖުމުލަ 17 ކްލަބަކުން ކުޅުންތެރިން ހިމަނައި އިންގްލެންޑުން ޔޫރޯ 2020 އަށް 33 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް އިއުލާންކޮށްފިއެވެ.

އިންގްލެންޑްގެ ކޯޗު އިއުލާން ކުރި ސްކޮޑުގައި 33 ކުޅުންތެރިން ހިމެނުނު ނަމަވެސް މުބާރާތަށް ގެންދާނީ 26 ކުޅުންތެރިންގެ ސްކޮޑެކެވެ. ގެރެތު ސައުތުގޭޓް ފައިނަލް ސްކޮޑު އިއުލާން ކުރާނީ ޗެމްޕިއަންސް ލީގު ފައިނަލުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗަށްފަހުގައެވެ. ސްކޮޑުގެ ފައިނަލް ލިސްޓު ބައެއް ގައުމުތަކުން އިއުލާން ކުރި ނަމަވެސް އިންގްލެންޑުން ފައިނަލް ލިސްޓު މަޑުޖައްސާލީ އެ މެޗު އޮތުމުން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ސްކޮޑު އިއުލާން ކުރުން ފަސްކުރުން ބައެއް މުހިއްމު ކުޅުންތެރިންގެ ފިޓްނަސްއާ ގުޅިފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އެގޮތުން މިވަގުތު އަނިޔާގައި ތިބި ޖޯޑަން ހެންޑަސަން، ޑެކްލަން ރައިސްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަދި ކެލްވިން ފިލިޕްސްވެސް ސްކޮޑުގައި ހިމަނާފައިވާ އިރު، އެ ކުޅުންތެރިންނަށް ފުރުސަތު ދޭނެކަން އެނގޭނީ ފައިނަލް ސްކޮޑާއެކުގައެވެ.

ސައުތުގޭޓް ކޯޗުކަމާ ހަވާލުވި ފަހުން އިންގްލެންޑް ޓީމަށް ކުޅުންތެރިން ނެގުމުގައި ވަކި ޓީމުތަކަކަށް ފޯކަސް ނުކޮށް ލީގުގެ ގިނަ ކްލަބުތަކަކަށް ފޯކަސް ކުރުމަކީ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަންތަކެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔަ އިންގްލެންޑް ޓީމުންވެސް އެފަދަ ކަންކަން ފާހަގަވެފައިވާ އިރު، އެ މުބާރާތަކީ އިންގްލެންޑަށް ކާމިޔާބު މުބާރާތެކެވެ. މިފަހަރުގެ ސްކޮޑުންވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ 17 ކްލަބުގެ މައްޗަށް އެކުލެވޭ ސްކޮޑެއް އިއުލާން ކުރި ކުރުމެވެ.

ގޯލްކީޕަރުން: ޑީން ހެންޑަސަން (މެންޗެސްޓާ ޔުނައިޓެޑް)، ޖޯޑަން ޕިކްފޯޑް (އެވަޓަން)، ސޭމް ޖޯންސްޓޯން (ވެސްޓް ބްރޮމް)، އާރޮން ރޭމްސްޑޭލް (ޝެފީލްޑް ޔުނައިޓެޑް)

ޑިފެންޑަރުން: ޓްރެންޓް އެލްސެންޑްރާ އާނޯލްޑް (ލިވަޕޫލް)، ބެން ޗިލްވެލް (ޗެލްސީ)، ކޯނޯ ކޯޑީ (ވިލްވްސް)، ބެން ގޮޑްފްރޭ (އެވަޓަން)، ރީސް ޖޭމްސް (ޗެލްސީ)، ހެރީ މެގުއާ (މެންޗެސްޓާ ޔުނައިޓެޑް)، ޓައިރޮން މިންގްސް (އެސްޓަން ވިލާ)، ލޫކް ޝޯ (މެންޗެސްޓާ ޔުނައިޓެޑް)، ބެން ގޮޑްފްރޭ (އެވަޓަން)، ރީސް ޖޭމްސް (ޗެލްސީ)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކީރިން ޓްރިޕިއާ (އެތުލެޓިކޯ މެޑްރިޑް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، ބެން ވައިޓް (ބްރައިޓަން)

މިޑްފީލްޑަރުން: ޖޫޑް ބެލިންހަމް (ބްރޫޝިއާ ޑޯޓްމަންޑް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، ޖެސޭ ލިންގާޑް (ވެސްޓްހަމް)، މޭސަން މައުންޓް (ޗެލްސީ)، ކެލްވިން ފިލިޕްސް (ލީޑްސް) ޑެކްލަން ރައިސް (ވެސްޓްހަމް). ޖޭމްސް ވާޑް ޕްރައުސް (ސައުތުހެމްޓަން)

ފޯވަޑުން: ޑޮމިނިކް ކަލްވާޓް ލެވިން (އެވަޓަން)، ފިލް ފޮޑެން (މެންޗެސްޓާ ސިޓީ)، ޖެކް ގްރީލިޝް (އެސްޓަން ވިލާ)، މޭސަން ގްރީންވުޑް (މެންޗެސްޓާ ޔުނައިޓެޑް)، ހެރީ ކޭން (ޓޮޓެންހަމް)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)، ބުކަޔޯ ސަކާ (އާސެނަލް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ޖޯޑަން ސަންޗޯ (ބްރޫޝިއާ ޑޯޓްމަންޑް)، އޮލީ ވޮޓްކިންސް (އެސްޓަން ވިލާ)

ޖޫން 11 ގައި ފަށާ ޔޫރޯގައި އިންގްލެންޑް ކުޅޭނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ވާދަކުރާނީ ކްރޮއޭޝިއާއާއި ޗެކް ރިޕަބްލިކްގެ އިތުރުން އިންގްލެންޑާ އެންމެ ޒަމާންވީ ވާދަވެރިޔާ ސްކޮޓްލޭންޑެވެ.