ބަޔާން މިއުނިކްގެ ކޯޗު ކަމުން އަމިއްލައަށް ދުރުވާން ނިންމައި، ހާންސީ ފްލިކް ޖަރުމަނުގެ ކޯޗުކަމާ ހަވާލުވާން ނިންމައިފިއެވެ.
ފްލިކް ޖަރުމަނާ ހަވާލުވާނީ ކުރިއަށް އޮތް ޔޫރޯ މުބާރާތަށް ފަހުގައެވެ. ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަމުގައި 2006 ވަނަ އަހަރުން ފެށިގެން ހުރި ޔޮކިމް ލޯވް އަކީ އެގައުމާއެކު 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ އާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވާ ކޯޗެކެވެ.
އޭގެ އިތުރުން ޔޫރޯ މުބާރާތުގެ ރަނަރަޕް ކަންވެސް 2008 ވަނަ އަހަރު ލޯވް އާއެކު ހޯދާފައިވާ އިރު، އޭނާ ކޯޗުކަމުގެ މަގާމުން ވަކިވާން ނިންމީ ޖަރުމަނުގެ ފޯމް ވަރަށް ބޮޑަށް ދަށްވުމުންނެވެ. ޔޫރޯއަށްފަހު ޓީމު ދޫކޮށްލަން ލޯވް ނިންމުމާއެކުވެސް އެ މަގާމަށް ދާނެ ކަމަށް ކުރިންވެސް ބެލެވުނީ ފްލިކެވެ. އޭރު ބަޔާން މިއުނިކްގެ ކޯޗުކަމުގައި ފްލިކް ހުރި އިރު، އޭނާ ބަޔާނަށް ކޯޗުކޮށްދިން ފުރަތަމަ ސީޒަން ނިންމާލީ ކާމިޔާބު ކަމާއެކުގައެވެ.
ފްލިކް ވަނީ ލޯވްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި 2006 އިން 2014 ވަނަ އަހަރަށް ޖަރުމަނު ގައުމީ ޓީމުގައި މަސައްކަތް ކޮށްފައެވެ. 2014 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމާއެކު ފްލިކް ވަނީ މަގާމުން އަމިއްލައަށް ވަކިވެފައެވެ.
ބަޔާންއާއެކު އެއް ސީޒަނެއްގައި ހަ ތަށި ފްލިކް ކާމިޔާބު ކޮށްފައިވާ އިރު، އެންމެ ފަހު ސީޒަންވެސް ފްލިކް ނިންމާލީ ބަޔާންއާއެކު ލީގު ނަގައިގެންނެވެ.
"ޖަރުމަނާއެކު ކުރިއަށް ދާން މިހުރީ ތައްޔާރަށް. ކްލާސް ކުޅުންތެރިން ޓީމުގައި އެބަތިބި. ހާއްސަކޮށް ޖަރުމަނުގެ ޒުވާން ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ތައްޔާރު،" 56 އަހަރުގެ ފްލިކް ޖަރުމަނުގެ ކޯޗުކަމާ ގުޅިގެން ބުނެފައިވެއެވެ.
ފްލިކް ބަޔާން ދޫކޮށްލިކަން އޭޕްރީލް މަހު އިއުލާން ކޮށްފައިވާ އިރު، އަންނަ ސީޒަން އެ ކްލަބުގެ ކޯޗުކަމާ ހަވާލުވާނީ ލެއިޕްޒިގަށް މި ސީޒަނުގައި ކޯޗުކަންކޮށްދިން ޖޫލިއަން ނަގެލްސްމަންއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ