ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުންތައް އަޑުއެހުމަށް މަޖިލީހުގެ އިދާރާގެ ބައެއް ތަންތަނުގައި ބަގް ކުރާ ސާމާނު ހަރުކުރަން ފުލުހުންގެ ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން އެކަން މަޖިލީހަށް އެންގީ، އެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުންތައް އަޑުއެހުމަށް މަޖިލީހުގެ އިދާރާގެ ބައެއް ތަންތަނުގައި ބަގްކުރާ ސާމާނު ހަރުކުރަން ފުލުހުންގެ ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި ހުއްޓިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްްރާން އަބްދުﷲ ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމަށް ކުރިއަށްގެންދިޔަ ވަގުތުގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މަޖިލީހުގެ އިދާރާ ބަގްކުރަން އުޅުނު މައްސަލަ ތަހުގީގު ކުރަން ފުލުހުން މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އިތުރަށް ކުރިއަށް ދާނެ މާބޮޑު މަގުތަކެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް ބެއްލެވުމަށްފަހު، އެކަމާ ބެހޭ މައުލޫމާތު ދެއްވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އީވާގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުންތައް އަޑުއެހުމަށް މަޖިލީހުގެ އިދާރާގެ ބައެއް ތަންތަނުގައި ބަގް ކުރާ ސާމާނު ހަރުކުރަން އުޅުނު މައްސަލައެއް ފެންމަތި ވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ސެކިއުރިޓީ ކުއްޖަކާ ގުޅިގެން އެކަން ކުރަން މަސައްކަތް ކުރީ ފުލުހެއް ކަމަށެވެ.