އޮޑިޓާ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން‌‎ ‌‏މިއަދު ‌‏ހުޅުވާލައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވިދާޅުވެ އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އޮޑިޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.