އިތުރު ދެ މީހަކު މަރުވެ މިއަދުގެ މަރުގެ އަދަދު 13 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު މިރޭ 11:27 މަރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 11:30ގައި މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެ ދެ މަރާއެކު ރާއްޖޭގައި ކޮވިޑު ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 142 އަށް އަރައިފައެވެ. އަދި މިއަދުގެ މަރުގެ އަދަދު ވަނީ 13 އަށް އަރައިފައެވެ.

މިއަދަކީ އެއް ދުވަހެއްގައި ކޮވިޑް ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނައިން މީހުން މަރުވި އަދަދަކީ ހަތެކެވެ.

މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2:02ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ މީހެކެވެ. ދެވަނަ މަރުވެފައިވަނީ ރޭ ފަތިހު 3:18ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެކެވެ. ތިންވަނައަށް މަރުވެފައިވަނީ 4:25ގައި އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ މީހެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ މީހަކާއި 85 އަހަރުގެ މީހަކާއި 78 އަހަރުގެ ދެ މީހަކާއި 41 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރުން މީހަކާއި އައްޑޫ ސިޓީން ވެސް ވަނީ ކޮވިޑު ބަލީގައި މީހަކު މަރުވެފައެވެ. އެ އެންމެންނަކީ ވެސް ދިވެހީނެވެ.

އޭގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ޖަޕާނުގެ މީހަކުވެސް މިރޭ ވަނީ މަރުވެފައެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 142 އަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 128 ދިވެހިންނާއި 14 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 67 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.