ދުނިޔެ

ކޮވިޑް ފެތުރެން ފެށިކަން ހާމަކުރުމުގެ ކުރިން ވުހާން ލެބުގެ ރިސާޗަރުންތަކެއް ހޮސްޕިޓަލުން ފަރުވާ ހޯދި!

1

ޗައިނާ އިން ކޮވިޑް-19 ގެ ފުރަަތަމަ ކޭސް ފެނުމުގެ މަހެއް ކުރިން، އެ ވައިރަސް ލީކުވި ކަމަށް ތުހުމަތުވާ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ތިން ރިސާޗަރަކު ހޮސްޕިޓަލުން ފަރުވާ ހޯދި ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓަކާ ހަވާލާދީ އެމެރިކާގެ ނޫހެއް ކަމަށްވާ، ވޯލް ސްޓްރީޓް ޖާނަލް (ދަ ޖާނަލް) ރިޕޯޓުކޮށްފިއެވެ.

މީގެ ކުރިން ހާމަވެފައި ނުވާ އެ ރިޕޯޓުގައި ބަލި ޖެހުނު ރިސާޗަރުންގެ އަދަދާއި އެމީހުންނަށް ބަލި ޖެހުނު ދުވަސްކޮޅާއި ހޮސްޕިޓަލަށް ދިޔަ ދުވަސްތައްވެސް ހިމަނާފައިވެއެވެ.

ދަ ޖާނަލް އިން ބުނީ، މި ރިޕޯޓަކީ ވުހާން ލެބުން ކޮވިޑް-19 ލީކުވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ފުޅާ ތަހުގީގެއް ކުރުމަށް ގޮވާލާ ގޮވާލުންތަކަށް ބާރު ލިބިދޭ ރިޕޯޓެއް ކަމަށެވެ. އަދި މިއީ ގިނަ ބައެއްގެ ބައިވެރިވުންތަކާއެކު އިތުރު ތަހުގީގުތަކެއް ހިންގަންޖެހޭ ފަދަ ރިޕޯޓެއް ކަމަށް އެ ރިޕޯޓު ފެނިފައިވާ ކުރި އާއި މިހާރުގެ ބައެއް އޮފިޝަލުން، ނަން ހާމަނުކޮށް ބުނެފައިވާ ކަމަށްވެސް އެ ނޫހުގައިވެއެވެ.

ދަ ޖާނަލްގެ މި ރިޕޯޓު އާންމު ކޮށްފައި މިވަނީ، ކޮވިޑް-19ގެ އަސްލު ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ތަހުގީގުގެ ދެން އޮތް ފޭސްއާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ނިންމުންތައް ނިންމާ ފަރާތުން ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް މި ރިޕޯޓާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ކޮވިޑް-19 ލީކުވީ ލެބޯޓަރީއަކުން ކަމަށް ދައްކާ ވާހަކަ އެމެރިކާ އިން ބޮޑުކުރަން އުޅޭ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ފުރަތަމަ ކޭސް ޗައިނާގެ މެދުތެރޭގައި އޮންނަ ވުހާނުން ފެނިފައި ވަނީ ޑިސެމްބަރު 2019 ގައެވެ. ވުހާނަކީ ކޮރޯނާވައިރަސްގެ ދިރާސާތައް ކުރުމަށް ހާއްސަ ލެބޯޓަރީ ހުންނަ ސިޓީއެވެ. ނަމަވެސް ކޮވިޑް-19 ލީކުވީ އެ ލެބޯޓަރީން ކަމަށް ކުރެވޭ ތުހުމަތުތަކަށް ޗައިނާގެ ސައިންސްވެރިންނާއި އޮފިޝަލުން ތަކުރާރުކޮށް ވަނީ އިންކާރުކޮށްފައެވެ.

އެގޮތުން ވުހާނުން އެ ބަލި ފެނުމުގެ ކުރިން އެހެން ސަރަހައްދުތަކުގައި އެބަލި ފެނިފައި ހުރެދާނެ ކަމަށާއި އަދި އެ ވައިރަސް ޗައިނާގައި ފެތުރެން ފެށީ އެގައުމަށް އެތެރެކުރި ގަނޑުކުރި ކާނާ ޝިޕްމަންޓަކުން ނުވަތަ ދިރޭ ޖަނަވާރުތަކެއްގެ ފަރާތުން ކަމަށްވުން އެކަށީގެންވާ ކަމަށް އެގައުމުގެ ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

ކޮވިޑް-19ގެ އަސްލު ހޯދުމަށް ޑަބްލިޔުއެޗްއޯއިން ޗައިނާގައި ކުރިއަށްގެންދިޔަ ތަހުގީގަށްފަހު މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ވަނީ ރިޕޯޓެއް ނެރެފައެވެ.