ކޮވިޑް 19އިން އަރައިގަނެވޭނީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށްގެން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިފަދައިން ވިދާޅުވެފައިވަނީ ވޯލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވަމުންނެވެ.

މިނިސްޓަރުގެ ތަގުރީރުގައި ރާއްޖޭގެ ނާޒުކު ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއިން މިހާތަނަށް ކޮވިޑުގެ ކަންކަމުގައި އަޅަމުންގެންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވައި ޑަބްލިޔުއެޗްއޯގެ ހުރިހާ މެންބަރު ގައުމުތަކުން ގުޅިގެން ކޮވިޑަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.

ހަމަ އެއާއެކު ރާއްޖެއަކީ ނިސްބަތުން ސިއްހީ ދައިރާއަށް ގިނަގުނަ ހޭދަކުރަމުން އަންނަ ގައުމަކަށްވީ ނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ތަފާތު ކަމަށް ވިދާޅުވިއެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކާއި ވަސީލަތްތައް މުއްސަނދި ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ސިއްހީ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކޮރޯނާ ވައިރަސް މީހުންނާއި ގައުމުތަކުގެ ތަފާތު ނުދަންނަކަމާއި މިކަމުން އަރައިގަނެވޭނީ ހަމައެކަނި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ. އަދި ރާއްޖެއަށް ކޮވިޑުގެ ތިންވަނަ ރާޅާ ކުރިމަތިލާން ޖެހިފައިވާކަމާއި މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު ގައުމުތަކުގެ މީހުންނަށް ހިލޭ ވެކްސިން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ތަގުރީރު ނިންމަވައިލައްވަމުން މިނިސްޓަރު ވަނީ ކޮވިޑުގެ ކަންކަމުގައި ޑަބްލިޔުއެޗްއޯއާއި މެންބަރު ގައުމުތަކަށް ފޯރުކޮށްދޭ ފަންނީ ލަފަޔާއި އިރުޝާދު ބަލައިގަނެ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.