ގޭބިސީތަކަށް ދޫކުރާ ފާހުގައި ނަން އޮންނާނެ ކަމަށާއި އެނޫން މީހަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކާފިއު ނޫން ވަގުތުތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގެއަކަށްވެސް ދެ ފާސް ދޫކުރާނެ ކަމަށާއި އެ ފާސްތައް ދޫކުރާނީ އެގެއެއްގެ މީޓަރު ނަންބަރަށް ބެލުމަށް ފަހުގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ، ގޭބިސީތަކަށް ދޫކުރާ ކާޑުގައި ނަން އޮންނާނެ ކަމަށާއި އެހެންކަމުން އެނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ދެ ދަންފަޅިއަކަށް ބަލާހައިގެން ފާސް މި ދޫކުރަނީ. ފުރަތަމަ ބޭފުޅާއަށް ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި ދެވަނަ ބޭފުޅާއަށް 12:00 އިން ހަވީރު 4:00 އަށް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ފާސްތައް ދޫކޮށްފައިވަނީ ދެ ޒޯނަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހުޅުމާލެ ވަކި ޒޯނެއްގައި ހިމެނޭއިރު މާލެ އަދި ވިލިމާލެ ހިމެނެނީ އެއް ޒޯނެއްގައެވެ. ކާފިއު ނޫން ވަގުތުގައިވެސް އެއް ޒޯނުގެ ފާސް ހިފައިގެން އަނެއް ޒޯނަށް ނުދެވޭނެއެވެ.

މާލޭގައި ކޮވިޑްގެ ނަންބަރުތައް އިތުރުވުމާ ގުޅިގެން މީގެ ކުރިން 12 ގަޑިއިރަށް މާލޭގައި ހިންގަމުން އައި ކާފިއުގެ ވަގުތު 16 ގަޑިއިރަށް އިތުރުކުރުމަށް ވަނީ ނިންމައިފައެވެ.