ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުން އައި ސެކިއުރިޓީ ފޫގޮސްފައި އޮތް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަސްލަމް މިހެން ވިދާޅުވީ ގައުމީ ސަލާމަތީ ކޮމެޓީން މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ގައުމީ ދިފާއީ ބާރުގެ ފަރާތުން ހައި ސެކިއުރިޓީއެއް ފޯރުކޮށްދެމުންދަނިކޮށް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ސެކުއިރިޓީ ބްރީޗް ވެގެން ކަމަށް ގަބޫލު ކުރައްވަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، އެއީ ކޮންމެވެސް އެއް ދިމާލެއްގެ ފެއިލްވުމެއް ކަމަށެވެ.

"އެކަން އެހެންވީމަ ދެއްތޯ މިސާލަކަށް ސެކިއުރިޓީ ދެމުން އަދި ކޮންމެ ގޮތަކަށް ކަން ހިނގައި ދިޔަޔަސް ސެކިއުރިޓީއެއް ހިމާޔަތެއް ލިބިގެންވާ ފަރާތަކަށް ކަމެއް އަންނައިރު އެއޮތީ ކޮންމެވެސް އެއް ދިމާލަކުން ކޮންމެސް ކަމެއް ވެފަ. އެހެންވީމަ އެއީ ސާފުކޮށް އެކަން އެ އޮތީ ދިމާވެފައި ދިމާވީމަ އެ އޮތީ ކޮންމެވެސް އެއް ދިމާލެއްގެ ބްރީޗެއް ކޮންމެވެސް އެއް ދިމާލެއްގެ ލެޕްސްއެއް ކޮންމެވެސް އެއް ދިމާލެއްގަ ފެއިލިއާއެއް،" އަސްލަމް ވިދާޅުވި އެވެ.

އެހުރިހާ ކަމެއް ކޮމެޓީން މިހާރު ފަށާފައިވާ އިންކުއަރީގެ ތެރެއިން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަން އަސްލަމް ފާހަގަކުރެއްވި އެވެ.

"ކޮންމެހެން ވަކި ބަޔަކު ކުށްވެރިކުރުމެއް ނޫން އަޅުގަނޑުމެންގެ މަގުސަތަކަށް ވެގެން މި އުޅެނީކީ. އެހެންވީމަ މިކަންކަން ދެނެގަނެ މިކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން،" އަސްލަމް ވިދާޅުވި އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ވަކި ބައެއްގެ އިހުމާލެއް ވާނަމަ އެކަން ފާހަގަކުރެވިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ފޯކަސް ކުރާނީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް ކަމަށެވެ.