އިޓާލިއަން ސެރެއާ އޭގެ ފަހު މެޗުތައް ރޭ ކުޅެފައިވާއިރު، ފަހު ވަގުތު ދެމިގަނެގެން ޔުވެންޓަސްއިން ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީން ކޮށްފިއެވެ.
ރޭގެ މެޗަށް ޔުވެންޓަސް ނުކުތްއިރުވެސް ގަދަ ހަތަރެއްގެ އަމިއްލަ ބާރެެއް ނެތެވެ. ނަޕޯލީން ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ނަޕޯލީ މޮޅުވި ނަމަ، ނަޕޯލީއަށް ޗެމްޕިއަންސް ލީގަށް ދިޔުމުގެ ފުރުސަތު އޮތެވެ. ނަޕޯލީ ރޭ ކުޅުނު މެޗުން 1-1 އިން އެއްވަރުވެފައިވާއިރު، ނަޕޯލީން ފުރަތަމަ ހާފްގައި ގޯލެއް ޖަހައި މޮޅުވާން ދަނިކޮށް ވެރޯނާއިން ގޯލް ޖެހީ 69 ވަނަ މިނެޓުގައެވެ.
އެ ނަތީޖާއާއެކު ޔުވެންޓަސްއަށް ހަތަރުވަނަ ޔަގީންވީ 78 ޕޮއިންޓާއެކުގައެވެ. އޭސީ މިލާނުން ރޭ ކުޅުނު މެޗުގައި އެޓްލާންޓާގެ މައްޗަށް 2-0 އިން ކުރި ހޯދާ މިލާނުން އަށް އަހަރަށްފަހު ޗެމްޕިއަންސް ލީގު ޔަގީން ކޮށްފައިވެއެވެ. އެ މެޗުން ބަލިިވި ނަމަވެސް ތިންވަނަ ޓީމުގެ ގޮތުގައި އެޓްލާންޓާ ވަނީ ޗެމްޕިއަންސް ލީގު ފުރުސަތު ހޯދާފައެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 79 ޕޮއިންޓް ލިބިފައިވާއިރު، އެޓްލާންޓާ ތިންވަނައިގައި އޮތީ 78 ޕޮއިންޓާއެކުގައެވެ.
މިދިޔަ 10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޔުވެންޓަސްއަށް އިޓަލީ ލީގު ގެއްލިފައިވާއިރު، މިއަހަރުގެ ލީގު ނެގީ އިންޓަ މިލާނުންނެވެ. ބާކީ ހަތަރު މެޗު އޮއްވައި އިޓާލިއަން ލީގު ކާމިޔާބުކުރި އިންޓަ މިލާނުން ރޭ ތަށި އުފުލާލީ ލީގުގެ ފަހު މެޗުގައި 5-1 އިން އުދިނޭޒީ ބަލިކޮށްފަ އެވެ. އިންޓަ އަށް ވަނީ 91 ޕޮއިންޓް ލިބިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު