ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 57 އިންސައްތަ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 57 އިންސައްތަ މީހުން ކޮވިޑް ވެކްސިންދެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން އަދި ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ރާއްޖޭގެ ރިސޯޓުތަކުގައި 44،954 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން މިހާތަނަށް 300،000 ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 156،002 މީހެވެ.