މިއަދަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަން ނިމުނު ދުވަހެވެ. ފައިނަލް ދުވަހު ހުރިހާ ޓީމެއްވެސް މެޗުތަކަށް ނުކުތީ އެއްވަގުތެއްގައެވެ. ޔަގީން ވެފައި އޮތީ ޗެމްޕިއަންކަމެވެ. އެ މަގާމު ލިބުނީ މިދިޔަ ހަތަރު އަހަރު ތެރޭ ތިންވަނަ ފަހަރަށް ލީގު ތަށި ހޯދި މެންޗެސްޓާ ސިޓީއަށެވެ. ދެވަނަ ޓީމުގެ މަގާމު މެންޗެސްޓާ ޔުނައިޓެޑަށް ޔަގީންވެފައި އޮތްއިރު، ގަދަ ހަތަރެއްގެ ފަހު ދެ ޖާގައަށް ޗެލްސީއާއި ލިވަޕޫލް، އަދި ލެސްޓާ ސިޓީ ނުކުތީ ކަނޑި ހަނގުރާމައަކަށެވެ.
އަމިއްލަ ބާރުގައި ލިވަޕޫލާއި ޗެލްސީ އޮތްއިރު، ލެސްޓާއަށް އޮތީ ޗެލްސީއާއި ނޫނީ ލިވަޕޫލް ބަލިވެއްޖެ ނަމަ އޮތް ފުރުސަތެކެވެ. އެއީ އަދި ލެސްޓާއިން ޓޮޓެންހަމް ބަލިކޮށްފި ކަމަށް ވާނަމައެވެ. މެޗުތައް ފެށި އެންމެ ފުރަތަމަ އުންމީދު ހޯދީ ލިވަޕޫލާއި ލެސްޓާއިންނެވެ. ލިވަޕޫލުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގެ 36 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ޖެހި ގޯލާއެކު ލިވަޕޫލުން ލީޑު ނެގިއިރު، ލެސްޓާއިން ޓޮޓެންހަމް ކޮޅަށް މެޗުގެ 18 ވަނަ މިނެޓުގައި ގޯލް ޖަހައިފިއެވެ. ލެސްޓާއަށއް ލީޑު ނަގައިދިނީ ވާޑީއެވެ.
ޗެލްސީއަށް ފުރަތަމަ ހާފް ނިމުނީ މާޔޫސް ކަމުގައެވެ. އެސްޓަން ވިލާއަށް ކުޅެމުން އަންނަ ބާޓްރެންޑް ޓްރިއޯރޭ ޖެހި ގޯލާއެކު 1-0 އިން އެސްޓަން ވިލާއިން ލީޑު ނެގުމާއެކު ތާވަލުގެ ފަސްވަނައަށް ޗެލްސީ ވެއްޓުނެވެ. ދެވަނަ ހާފަށް ނުކުމެ ޗެލްސީއަށް ޖެހުނީ އިތުރު މާޔޫސްކަމަކާ ކުރިމަތިލާށެވެ. 52 ވަނަ މިނެޓުގައި އެލް ގާޒީގެ ޕެނަލްޓީއާއެކު އެސްޓަންވިލާއިން ދެ ގޯލް ޖެހިއެވެ.
އެހިސާބުން ޗެލްސީގެ ސަޕޯޓަރުން އިންތިހާއަށް މާޔޫސްވި ނަމަވެސް ޓޮޓެންހަމްއިން އެޓީމަށް އުންމީދު އާކޮށްދިނެވެ. ކޭންގެ ގޯލެއްގެ އިތުރުން، ދެވަނަ ހާފަށް ނުކުމެ އެޗްއެމް ސޮން ޖެހި ގޯލާއެކު ޓޮޓެންހަމްއިން ލީޑު ނެގުމުން، ޗެލްސީއަށް ކުޑަ އުންމީދެއް ލިބުނެވެ. އެހެންނަމަވެސް ވާޑީ އަނެއްކާވެސް ލެސްޓާއަށް އެއްވަރު ކޮށްދީ، ޗެލްސީ މާޔޫސް ކޮށްލިއެވެ. ފޯރި ގަދަކޮށް މެޗުތައް ދިޔައިރު، ލިވަޕޫލުން ގަދަ ހަތަރެއް ޔަގީން ކުރީ ދެވަނަ ގޯލެއްވެސް ޖަހާ 2-0 އިން ޕެލެސް ބަލިކޮށްގެންނެވެ. މާނޭގެ ދެވަނަ ގޯލާއެކު ލިވަޕޫލުން ތިންވަނަ ޔަގީން ކުރިއިރު، ލެސްޓާ ކޮޅަށް ޓޮޓެންހަމްއިން ގޯލްތައް ޖަހާލީ 30 މިނެޓް ތެރޭގައެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ޝޫމައިކަލް އަތުން ބައިކޮޅަށް ގޯލް ވަންއިރު، އަނެއް ދެ ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއެއްގެ ކުޅެން ނުކުތް ގެރެތު ބޭލްއެވެ. އެ މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 4-2 ނަތީޖާއަކުންނެވެ. ޗެލްސީން ކުޅުނު މެޗުގައި ބެން ޗިލްވެސް ގޯލެއް ޖަހާ އެޓީމަށް ފުރުސަތު އާކޮށްދިން ނަމަވެސް ނިމުނީ 2-1 އިން ބަލިވެގެންނެވެ. އެހެންނަމަވެސް އެޓީމަށް ވަނީ ގަދަ ހަތަރެއް ޔަގީންވެފައެވެ.
ޗެމްޕިއަންކަން ޔަގީންވެފައި އޮތް ނަމަވެސް ސިޓީ އިން މެޗަށް ނުކުތީ ވަރުގަދަ ކޮށެވެ. މެޗުގައި ފަސް ގޯލް ޖަހައި، އެވަޓަން 5-0 އިން ސިޓީން ބަލިކުރިއިރު މެޗު ހާއްސަވީ އަގުއޭރޯއަަށެވެ. ސިޓީ ޖާޒީގައި އޭނާ ކުޅުނު ފަހު މެޗަށް ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިރޭގެ މެޗުގައި ދެ ގޯލް ޖަހައިފިނަމަ އަގުއޭރޯއަށް ޕްރިމިއާ ލީގު ތާރީހުގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވުމުގެ ރެކޯޑު މުގުރާލުމަށް ފުރުސަތުވެސް އޮތެވެ. އެކަން އޭނާ ކުރިވެސް މެއެވެ. ސިޓީ ޖާޒީގައި 184 ގޯލް ޖަހައި، ވޭން ރޫނީ ޔުނައިޓެޑް ޖާޒީގައި ޖަހާފައިވާ 183 ގޯލްގެ ރެކޯޑު އަގުއޭރޯ މުގުރާލާ ސިޓީއަށް އަލްވަދާއު ކީއެވެ.
2011 ވަނަ އަހަރު ކްލަބާ ގުޅި، ސިޓީއާއެކު ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯގެ އެންމެ ތާރީހީ ވަގުތު ކޮޅަކީ 2012 ވަނަ އަހަރު ލީގު ކާމިޔާބު ކުރުމަށް، ފަހު މެޗުގައި ކިއުޕީއާރް ކޮޅަށް ޖެހި ގޯލެވެ. ފަހު ސިކުންތުގައި ގޯލް ޖަހައި އަގުއޭރޯ ސިޓީއަށް 44 އަހަރަށްފަހު ލީގު ކާމިޔާބު ކޮށްދިނުމުގައި އަގުއޭރޯގެ ގޯލް ތާ އަބަދަށް ސިޓީގެ ތާރީހުގައި ލިޔެވިގެންދާނެއެވެ.
ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީން ހޯދީ 86 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޔުނައިޓެޑް 74 ޕޮއިންޓާއެކު އޮތްއިރު، ލިވަޕޫލް ތިންވަނައިގައި ނިންމާލީ 69 ޕޮއިންޓާއެކުގައެވެ. ޗެލްސީ ހަތަރުވަނައަށް ދެމިގަތީ 67 ޕޮއިންޓާއެކުގައެވެ. ޔޫރޮޕާގެ ޔަގީން ޖާގަ ލެސްޓާއިން ހޯދީ 66 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި ވެސްޓަހަމް އޮތީ 65 ޕޮއިންޓާ އެކުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު