މިޔުކޯމައިކޮސިސް ނުވަތަ "ބްލެކް ފަންގަސް" އަށް ޝައްކު ކުރެވިގެން ރާއްޖެއިން ޓެސްޓް ހެދި މީހާގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.

މިޔުކޯމައިކޮސިސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިގެން އެ މީހާގެ ޓެސްޓުތައް ހަދާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެމީހާއަކީ ކޮވިޑު ޖެހުމަށް ފަހު ބަލީން ފަސޭހަވެފައިވާ މީހެކެވެ.

މިޔުކޯމައިކޮސިސްއަށް ޝައްކުވެގެން ޓެސްޓު ހެދި މީހާގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮވިޑު ކަންތައްތަކުގައި އުޅުއްވާ ސީނިއާ ޑޮކްޓަރަކު "ވަން" އަށް މިރޭ ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ލޮލުގެ ފެނުމަށް ނޭދެވޭ ބޮޑު އަސަރެއް ކުރުމުގެ އިތުރުން ސިއްހީ ގޮތުން މީހާ ބަލިކަށި ކުރުވާ ފަންގަލް އިންފެކްޝަނެއް ކަމުގައިވާ މިޔުކޯމައިކޯސިސް އެންމެ ހަލުވި ކަމާއެކު ފެތުރެމުންދަނީ އަވަށްޓެރި އިންޑިއާގައެވެ.

އެގޮތުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެގައުމުގެ އެއްހާހަށްވުރެ ގިނަ މީހުންނަށް އެބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ސަތޭކައެއްހާ މީހުން އެނދުމަތި ކޮށް 90 މީހުން މަރުވެފައިވާ ކަމުގައި އިންޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިޔުކޯމައިކޮސިސް ޖެހެނީ، ކޮވިޑު ޖެހި އަދި ކޮވިޑުގެ ބަލިން އަރައިގަނެފައިވާ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަން ޖެހޭ ފަދަ ބަލިތައް ހުރި މީހުންނަށް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިޔުކޮމައިކޯސިސްއަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ.