Close
ހައިކޯޓު

ކޮނޑޭ ކައުންސިލުގެ ރައީސް ހޮވުމަށް ނެގި ވޯޓު އަލުން ގުނުމަށް ހައިކޯޓުން ހުކުމްކޮށްފި

މުއާވިޔަތު އަންވަރު

ގއ. ކޮނޑޭ ކައުންސިލުގެ ރައީސް ހޮވުމަށް ނެގި ވޯޓު އަލުން ގުނުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ ދެ ވޯޓުގެ ތަފާތަކުން އިންތިހާބުން ނާކާމިޔާބުވި ޝުއައިބު މުހައްމަދު ދީދީއެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ޝުއައިބަށް 128 ވޯޓު ލިބުނު އިރު މިހާރުވެސް ކޮނޑޭ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަދި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު އަބްދުލްހަކީމަށް ލިބުނީ 130 ވޯޓެވެ.

ހައި ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ، އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގު ވެފައި ވަނީީ، ކޮނޑޭ ކައުންސިލްގެ ރައީސް ހޮވުމަށް ތިން ތަނެއްގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓުތައް އަލުން ގުނައި ނަތީޖާ އިއުލާނު ކުރުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރު ނެރުމަށް ކަމަށެވެ.

އެ މައްސަލަ ބެލި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 393 މީހުން ދިރިއުޅޭ ކޮނޑޭގައި، ކައުންސިލުގެ ރައީސް ކަމުގެ އިންތިހާބުގައި ވޯޓުލާފައި ވަނީ 337 މީހުންނެވެ. ބާތިލު އިނީ 15 ވޯޓެވެ. އެހެންކަމުން ދެ ކެނޑިޑޭޓުންގެ ދެމެދުގައި ދެ ވޯޓުގެ ތަފާތު އިނުމުން އެ ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.