މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭގެ މަގެއްގެ މަތިން އަންހެނަކު ރަހީނުކޮށް، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުން ބަންދުން ދޫކޮށްލައިފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ އޭޕްރީލް 16 ވަނަ ދުވަހުގެ ރޭ، މާފަންނު ހަނދުވަރީ ހިނގުމުގައެވެ. އެ މައްސަލައި ކުށުގެ ވެށިން ފުލުހުން ހައްޔަރު ކުރީ ހދ. ނޭކުރެންދޫ/ ވިނަރެސް، އާދަމް ވިޝާން، 18 އާއި ހދ. ވައިކަރަދޫ/ މިލާފަރު، އަލީ ރަޝީދު، 23 އެވެ. އެ ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ.
އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.
އެކިފަހަަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މިމަހުގެ 19 ވަނަ ދުވަހު އެ ދެމީހުން ދޫކޮށްލީ، ޝަރުތުކޮށް ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. ޝަރުތުތަކުގެ ތެރޭގައި ވިކްޓިމަށް އެއްވެސް ވަރަކަށް ބައްދަލު ނުކުރުން ހިމެނެއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެމީހުން ދޫކޮށްލީ އެމީހުންގެ މައްޗަށް ފުރަތަމަ ކުރެވުނު ތުހުމަތާއި މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާ އިރު އެ އަމަލު އެގޮތަށް ހިނގިކަމާމެދު ފުށުއެރުންތަކެއް ހުރުމުން، އެމީހުންގެ މައްޗަށް ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ފުރުސަތު ނެތުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު