އެފްއޭއެމް ބިލްޑިންގު ހުރި އިމާރާތުގައި ސިފައިން ހަދަމުން އަންނަ ފުލޫ ކުލިނިކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް ސާވިސް ކޯގެ ބެލުމުގެ ދަށުން ކުރަމުން އަންނަ މި މަސައްކަތުގައި ހަރަކާތްތެރިވަނީ، އެމްއެންޑީއެފް ސާވިސް ކޯގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މެކޭނިކަލް އިންޖިނިއާސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މިލިޓަރީ އިންޖިނިއާސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންނެވެ.

އެގޮތުން މި ކުލިނިކުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މި މަސައްކަތް ސިފައިންނަށް ހަވާލުކޮށް، މިތަނުގައި ފުލޫ ކުނިކެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މިތަނުގެ މަސައްކަތް ވީހާވެސް އވަހަކަށް ނިންމައި ހަވާލު ކުރުމަށް ހުއްޓުމެއް ނެތި ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގެ ތެރޭގައި ހަރު ކުރަން ޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ކުލަ ލުމާއި އަދި، ކުރަން ޖެހުނު ސިމެންތި މަސައްކަތްތައް ވެސް ސިފައިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ސިފައިން ކުރަމުން އަންނަ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، އެޗްއީއޯސީގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.