އެކި އެކި މައްސަލަ ތަކުގައި ތަހުގީގު ބޭނުމަށް މީހުން ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމު މިހެން ވިދާޅުވެފައި ވަނީ، މީގެ ކުރީން އަމަލު ކުރަމުން އައި ނޫ ގާނޫނުއަސާސީން މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް ނަގުލުވީއިރު، ކުށް ކުށުގައި މީހުން ހައްޔަރު ކުރުމާއި، ބަންދު ކުރުމުގެ ކަންތަކަށް އައިސްފައިވާ ބަދަލާ ބެހޭ ގޮތުން، އޭނާގެ ބްލޮގުގައި ޝާއިއު ކުރެއްވި ލިއުމެއްގައެވެ.
ޝަމީމު ވިދާޅުވެފައި ވަނީ، އޭރު އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ މުތުލަގު ބާރު، ފުލުހުންނަށް ލިބެއެވެ. އެއަށްފަހު، ތަހުގީގު ކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުންގެ ކޮމެޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް (ޖުމްލަ 23 ދުވަހަށް) ބަންދު ޖަހައެވެ.
އެކަމަށް އޭރު ގެންގުޅޭ ފޮތަށް ކިޔަނީ “ކޮމިޓީއަށް ދަންނަވާ” ފޮތް ކަމަށާއި، އެ 23 ދުވަސް ނިމުމުން، ރައީސް އައްޔަން ކުރާ ފަނޑިޔާރަށް ލިޔުންތައް ފޮނުވައިގެން، އިތުރު 30 ދުވަސް (ޖުމުލަ 53 ދުވަހަށް) ޖެހޭ ކަމަށާއި، އެ 30 ދުވަސް ހަމަވުމުން، “ވާނުވާ” (ޝަރީއަތް ނިމެންދެން ބަންދު) ޖެހޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"ޖިނާއީ މައްސަލަ ބަލަން އޭރު ޖިނާއީ ކޯޓެއް ހުރި ނަމަވެސް ބަންދާމެދު ގޮތެއް ނިންމަށް އެންމެ ފުރަތަމަ އައްޔަނު ކުރައްވަން އޭރުގެ ރައީސަށް ފެނިވަޑައިގަތީ އައިލާއާބެހޭ ކޯޓުގެ ފަނޑިޔާރެކެވެ. އާއިލާއާބެހޭ ކޯޓުގެ ފަނޑިޔާރު އެކަން ކުރެއްވިއިރު، ބަންދު މީހާ ހާޒިރެއް ނުކުރެއެވެ. ގެންނަވަނީ މައްސަލައިގެ ލިޔުންތަކެވެ. އެލިޔުންތަކުގައި ‘ތައްގަނޑު’ ޖައްސަވައެވެ. ފުލުހުން މުއްދަތު އިތުރު ކުރަން ގެނައި އެއްވެސް މީހެއްގެ ބަންދަށް މުއްދަތު ޖަހައި ނުދޭކަމަށް، އަޅުގަނޑު ކުރި ދިރާސާއަކުން ނުދައްކައެވެ. އޭރު ބަންދުގައި ތިބި މީހުން، އެ ދެފަނޑިޔާރުންގެ ނަމުގެ ކުރިއަށް ‘ތައްގަނޑު’ ގެ ނަމުން ކިޔާކަމަށް މަޝްހޫރު ވެފައި އޮވެއެވެ."
2008 ވަނަ އަހަރު އަމަލު ކުރަން ފެށި ‘ފެހި’ ޤާނޫނުއަސާސީގައި ހައްޔަރުކުރުމާބެހޭ ނިޒާމަށް އިންޤިލާބެއް ގެނައެވެ. ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ބަންދު ނުކުރެވޭނެ ކަމަށް ޞަރީޙަ ޢިބާރާތުން ލިޔުނެވެ. މީހަކު ހައްޔަރު ކުރުމާއެކު ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް ލިޔުނެވެ. ހައްޔަރު ކުރާތާ 24 ގަޑިއިރު ނުވަނީސްވެސް، އެމީހާގެ ބަންދުގެ ކަންތައް ބަލައި ދިނުން އެދި ‘ހެބިއަސް ކޯޕަސް’ ރިޓަކަށް އެދުމުގެ ފުރުޞަތު އޮވެއެވެ. ބަންދާމެދު ގޮތެއް ނިންމައި މަޖިލީހުގައި، ބަންދާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތު، ބަންދުގައި ހުރި މީހާއަށް ލިބެއެވެ. ބަންދާމެދު ފަނޑިޔާރު ނިންމާ ނިންމުން 3 މަރްޙަލާގައި އިސްތިއުނާފުވެސް ކުރެވެއެވެ. މިއުޞޫލުތަކުގެ ތަފްޞީލު މިލިޔުމުގެ ދެވަނަ ބައިގައި ބަލައިލާނަމެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީން، އެކަންތައްތަކަށް ގެނައި އިންގިލާބީ ބަދަލު ފާހަގަ ކުރައްވައި، ޝަމީމް ވިދާޅުވެފައި ވަނީ ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި، 53 ދުވަހަށް ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ އަދުލުގެ ނިޒާމު ހިޖުރަކޮށްފި ކަމަށެވެ.
"ހައްޔަރުކުރުން ހުއްދަ ސަބަބުތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަހުގީގުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. ނަމަވެސް، ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަހުގީގު ކުރުމަށްޓަކައި، މީހުން ބަންދު ކުރަން ޖެހޭ ކަމަށެވެ. އެއީ، ތަހުގީގު ކުރަން ފަސޭހަވާނެ ކަމެކެވެ. ނަމަވެސް، މިކަމުގެ ތާރީހީ ހަގީގަތްތައް ހުރި ގޮތުން، ގާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް ގާނޫނު ލިޔެފައެވެ،"
ގާނޫނުއަސާސީގެ 49 ވަަނަ މާއްދާގައި ބުނެފައި ވަނީ، އެމީހަކާމެދު ތުހުމަތު ކުރެވިފައުވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މިހަކާމެދު ޝަރިއަތުން ހުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެ ކަމަށެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރު ވާނޭ ކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް