ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، އޭނަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) އަށާއި ތުއްތު ދަރިފުޅަށް އަނިޔާ ކުރި ކަމަށް ބުނާ ވާހަކަ އޭނާގެ ދޮށީ ދަރިފުޅު ދޮގުކޮށްފި އެވެ.
އީސަ އާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަވަށްޓެރިއެއް ކަމަށް އެނގިފައިވެ އެވެ. މި މައްސަލައާ ގުޅިގެން އަސޫވަނީ ފުލުހުންނަށް ބަޔާންވެސްދީފަ އެވެ.
އަސޫއަށާއި ތުއްތު ދަރިފުޅަށް އަނިޔާކުރި ކަމަށްބުނާ މައްސަލާގައި ގިނަ ބަޔަކު ދަނީ އީސަ ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.
މިކަމާ ގުޅިގެން އީސަގެ ދޮށީ ދަރިފުޅު ޖިދާދު އަހުމަދު އީސާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ބައްޕަ (އީސަ)ގެ ފަރާތުން އެފަދަ އަނިޔާއެއް އަސޫ އަށާއި ތުއްތު ދަރިފުޅަށް ލިބިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޖިދާދު ބުނީ އެ އެ ކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެ މަންޒަރު ގާތުން ފެނުނު ކަމަށެވެ. ނަމަވެސް މި މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.
އީސަގެ ދޮށީ ދަރިފުޅު ވަނީ، އީސަ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނުނެރެދެނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި މިކަމުންވެސް އެނގިގެންދަނީ އެއީ ނުކުރާ ކަމެެއްގެ ދޮގު ތުހުމަތު އޭނާގެ ބައްޕަގެ ބޮލުގައި އެޅުވުން ކަމަށް ބުންޏެވެ.
މިއީ ބައްޕަގެ އަގު ވައްޓާލަން ކޮށްގެން އުޅޭ ކަމެއް ކަމަށާއި ސޯޝަލް މީޑިއާގައި މިވާހަކަތައް ފެތުރުމުގެ ކުރިން ހަގީގަތް ހޯދައި އީސަގެ ބަސްވެސް ހޯދައިލުން މުހިންމު ކަމަށް ޖިދާދު ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރަމުންދާތީ އަދި މައްސަލަ އަކީ ސީރިއަސް މައްސަލަ އަކަށްވާތީ ކަމަށް ވިދާޅުވެ، މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން ވެސް އީސާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މި މައްސަލައާ ގުޅިގެން އީސާ މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު ޖިދާދު ބުނީ އެއީ އީސަ އާއި އަސޫގެ ތުއްތުގެ ދަރިފުޅުގެ ހައްގުގައި ކަމަށެވެ.
މި ކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސޫ ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނީ އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. ނަމަވެސް ދެމައިން މިހާރު ތިބީ ހެޔޮ ހާލުގައި ކަމަށާއި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.